ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ އަށް އަޣުލަބިއްޔަތު ދީފި ނަމަ، ސަރުކާރު 'ގާބިލް'ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެވޭނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލުކުރައްވާ ކެންޑިޑޭޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒަށް މިއަދު ގޮސް، ކެންޑިޑެސީ ފޯމު ހުށަހަޅައިފައެވެ. ކެންޑިޑޭޓުންނާ އެކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ.

ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅައި ނިމުމުން، އެ ސަރަހައްދުގައި ތިބި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު އާންމުންގެ މެދުގައި އޮތް އުންމީދު މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭ ގެއްލިފައިވާ ކަމަށާއި، މި ސަރުކާރާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އެކޮޅުކޮޅުން ޖައްސަވައި، ބަދަލުކުރައްވަމުން ކަމަށާއި، އެހެންވެ ސަރުކާރާ މެދު އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ގާބިލުކަމާ މެދު އާންމުންގެ މެދުގައި ޝައްކު އުފެދިއްޖެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮވިޑް-19 ގެ އާލަމީ ވަބާ އާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އަށް ކުރިމަތިވި ދަތި ދުވަސްވަރު އަމަލުކުރީ އާންމުންނަށް ދަތި ނުވާ ގޮތަށް ކަމަށާއި، ގައުމުގެ ތަރައްގީއަށްޓަކައި ކަންކަން ކުރީ އެއްވެސް މަޑުޖެހުމެއް ނެތި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ފެނިވަޑައިގަންނަވަނީ ކުރިއަށް ހުރި ދުވަސްތަކުގައި އާންމުންގެ ހާލަތު ދަތިވާނެ ފަދަ މަންޒަރެއް ކަމަށާއި، ވުމާއެކު އިދިކޮޅު ޕާޓީ މަޖިލީހުގައި ނެތިއްޔާ ސަރުކާރު ޖަވާބުދާރީކުރުވަން އާންމުންނަށް އުނދަގޫވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މަޖިލިސްގަ މެޖޯރިޓީ އޮތް ކަމަށް ވަންޏާމުން މި ނާގާބިލު ސަރުކާރަށް އަޅުގަނޑުމެންގެ މަޖިލިސްގެ ތެރެއިން ވެސް ގާބިލުކަން ގެނެވޭނެ މަސައްކަތް ވެސް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އަދި އަމާޒަކީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ކަމަށް ވެސް، 18 ވަނަ މަޖިލީހުގައި ގަމު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވިއެވެ.