ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަށް ހަތިޔާރާއެކު އިންޑިއާ ސިފައިން އެރުމުން އެކަމުގެ އަސަރު ރާއްޖޭގެ މަސްވެރިންނަށް ވަރަަށް ބޮޑަށް ކުރިކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، މި ސަރުކާރުން ވަނީ އެ އަދަދު 20 ރުފިޔާއަށް ދަށްކުރަން ނިންމާފައެވެ. ސަރުކާރުން މި ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޒީރު ޝިޔާމް ހާޒިރުކޮށްފައިވާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މީކާއީލް ނަސީމް ވަނީ ބޭރު ގައުމެއްގެ ސިފައިން ދިވެހި މަސްދޯނިތަކަށް އެރުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ގޮތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މިފަދަ ހާދިސާއެއް އިތުރަށް ހިނގިޔަ ނުދިނުމަށްޓަކައި ސަރުކާރުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ސާވެޔަލެންސް ވަރުގަދަކުރުމާ އިތުރަށް ކުރަންޖެހޭ މަސައްކަތްތައް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ ވެސެލް މޮނީޓަރިން ސިސްޓަމުން ބަލާއިރު ފާއިތުވި އެއް މަސްދުވަހުގެ ހަރަކާތްތަކަށް ބަލާއިރު މިދޯނިތަކުގެ ހަރަކާތް ހުރީ ސީދާ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައިކަމަށާ އިންޑިއާ ކޯސްޓުގާޑުގެ އޮފިޝަލުންތަކެއް ތިން ދޯންޏަށްވެސް އޮންބޯޑް ވެގެން ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ އިންޑިއާ ސިފައިން އެރި ދޯނިތަކުގެ ތެރެއިން އެއް ދޯނީގެ ކެޔޮޅާ މަސްވެރިންނާ ބައްދަލު ކުރެވުނު ކަމަށާ އެބޭފުޅުންނަށް ނަފްސާނީ ގޮތުން އޭގެ އަސަރުކޮށްފައިވާކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެވުނު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށާ އެ މަސައްކަތުގައި ރެޑް ކްރެސެންޓުގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ.