ރާއްޖޭގައި ޓެކްސީ ކުރަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޓެކްސީ ޓްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ "ހަފްތާ 14" ގެ މަގުޗާޓާއި އެއްގޮތައް ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ ވައުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެ މިނިސްޓްރީގެ ފަރާތުން އެކުލަވާލައި އެ ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލްއިން އެ ކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މާލޭގައި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އުފައްދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު މިދިޔަ މަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީމަސްވެރިކަމާއި ޓެކްސީކުރުން ފަދަ ބައެއް ކަންތައްތަކަކީ އާމްދަނީ ހޯދުމަށް ދާއިމީ، ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންތައްތަައް ނުފުދިދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުމަށްފަހު އެ ދަފްތަރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓް ނިޒާމު އޭގެ ތެރޭގައި ގާއިމު ކުރެވުމަށާއި ބޭންކްތަކާ މަޝްވަރާކޮށްގެން މި ފަދަ ނިޒާމެއްގެ ދަށުން ބޭންކް ތަކުން ނަގާ ފީގެ ނިސްބަތް އުވާލައިގެން މިކަން ކުރެވޭނެ ގޮތެއް ހަމަޖައްސަައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ހާއްސަކޮށް ރަސްމާލެ ތަރައްގީވަމުން އަންނައިރު އެ ތަނަކީ އިކޯ ސިޓީއެއްގެ ގޮތުގައި ރައީސް ނިންމަވާފައިވުމާއެކު އެތަނަށް ބޭނުންވާ ޓެކްސީ ފަދަ ހިދުމަތްތަކަކީ ތިމާވެއްޓާ ރަށްޓެހި ޓެކްސީތަކަކަށް ހެދުމަށް ކަުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަމަށްވާން ޖެހޭ ތައްުޔާރީތައްވުމާއި އެކަމަށް ތައްޔާރުވުމަށް އެކުލަވާލަން ޖެހޭ މަޝްވަރާތައް ކުރުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާއިރު މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ޓެކްސީ ޑްރައިވަރުންނާ ރަނގަޅަށް މަޝްވަރާކުރެވި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭ ގޮތަށް ކުރިއަށް ގެންދިނުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ނިޒާމެއް ގާއިމުކުރާއިރު އެ އިންވެސްޓްމެންޓާ ގުޅޭ ކަންތައްތައް ސަރުކާރުގެ ކުންފުނިތަކަކުން ނުވަތަ ކުންފުންޏަކުން ހަވާލުވެގެން ކުރެވޭނެ ނިޒާމެއް ރާވާ ކުރިއަށް ގެންދެވުމަށް އިކޮނޮމިކް ކައުންސިލަށް އަންގާފައިވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.