ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ފިލްމު "އާޝިގީ" ގެ ތިން ވަނަ ބައިގެ ބަތަލާ އަކަށް ޓްރިޕްތީ ދިމްރީ ހަމަޖައްސާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމު އުފައްދާ ބަޓް ކޭމްޕާއި ބުޝަން ކުމާރު ޓީ ސީރީޒުން އަދި ރަސްމީކޮށް އެކަން އިއުލާންނުކުރި ނަމަވެސް މިހާރު މި ފިލްމަށް ކަނޑައަޅާފައިވަނީ ޓްރިޕްތީ ކަމަށާއި ވަރަށް އަވަހަށް ރަސްމީކޮށް އެކަން އިއުލާން ކުރާނެ ކަމަށް ބޭރުގެ ނޫސްތައް ބުނެއެވެ. "އެނިމަލް" ގައި ޓްރިޕްތީ ކުޅުނު ރޯލާއެކު ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީގައި ބަތަލާގެ ނަން ފަވާލެވިފައިވާއިރު "އާޝިގީ 3"ގެ ޝޫޓިން ބަތަލާ އާއެކު މިއަހަރު ފުރަތަމަ ކުއާޓާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ކުރިން ވޯކްޝޯޕް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ބަތަލާ ޓްރިޕްތީ ބޮލީވުޑަށް ތައާރަފްވީ 2017 ވަނަ އަހަރު ނުކުތް ފިލްމު "ޕޯސްޓާ ބޯއީސް" އިންނެވެ. އޭގެ ފަހުން ބަތަލާ ވަނީ "ބުލްބުލް"، "ލައިލާ މަޖްނޫ" އަދި "ގާލާ" އިން ވެސް ފެނިފައެވެ.

މި ފިލްމު އިއުލާންކުރުމާއެކު މި ފިލްމަށް އެކި ތަރިން ހަމަޖެއްސި ވާހަކައިގެ އަޑު ވަނީ ފެތުރިފައެވެ. ދީޕިކާ، ކްރިތީ، ޝްރައްދާ، ސާރާ، އަކަކުންޝާ، ޖެނިފާ ވިންގެޓް އަދި ފާތިމާ ސަނާ ޝެއިހް ހަމަޖެއްސިކަމުގެ އަޑުވެސް ފެތުރުނުނެވެ. "އާޝިގީ 3" އިއުލާންކުރީ އެކްޓަރު ކާރްތިކް އާރްޔަން އާއެކުގައެވެ.

އާޝިގީ އަކީ އިންސްޓޯލްމަންޓެކެވެ. މި ފިލްމުގެ އެންމެ ފުރަތަމަ ފިލްމު "އާޝިގީ" ރިލީޒްކުރީ 1990 ގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަހޭޝް ބަޓްއެވެ. ފިލްމުގެ ތަރިންނަކީ ރާހުލް ރޯއީ އަދި އަނޫ އަގަރުވާލެވެ. މި ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް "އާޝިގީ 2" ނުކުތީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ހަރަކާތްތެރިވީ އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.