ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 33.4 ޕަސެންޓް ނިންމާލެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް ވިދާޅުވެއްޖެއެވެ.
މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިން ޓީމު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެ އާއި ގުޅީފަޅާ ދެމެދު ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
އެ މަސައްކަތް ބައްލަވާ ލެއްވުމަށް ފަހު ތޯއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް ނިމިފައިވާ ކަމަށާއި މުޅި މަޝްރޫއުގެ 33.4 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ތާވަލާ އަޅާ ބަލާއިރު މިހާރު މަސައްކަތް ހުރީ 1.2 ޕަސެންޓް ކުރީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީން ދަނީ އެ މަޝްރޫއުގައި ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ފެށި ބްރިޖުގެ މަޝްރޫއަކީ އަވަސް މުސްތަގުބަލެއްގައި ނިންމޭނެ ތަނެއް ކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ. ކުރިން ދީފައިވާ މުއްދތަަށް ަސައްކަތް ނުނިމި ލަސްވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި މަޝްރޫއު އަވަހަށް ނިންމާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެފައި ވަނީ ސެޕްޓެމްބަރު 30، 2026 އެވެ.
އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއުގެ ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ. މިހާތަނަށް އެ އަދަދުގެ 37.33 ޕަސެންޓަށް ވާ 186.72 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އެފްކޯންސްއަށް ދައްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ދެން ބާކީ ދައްކަން ޖެހޭ އަދަދީ 313.48 ޑޮލަރެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
ކޮންސްޓރަކްޝަން ޓްރަކްޝަން