އިންޑިއާގެ ކޮޗިންގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ތިން ދިވެހިންނަށް މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ރ. އަލިފުށީ އެއް އާއިލާއެއްގެ ބަޔަކަށެވެ. އެއީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ކޮޗިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު އެނބުރި ޓްރިވެންޑްރަމަށް ދިޔަ މަގުމަތީ ހައިވޭގެ އެއް ފަޅީގައި ކާރު ޑްރައިވަރު މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއް ޖެހިގެނެވެ.

މި އެކްސިޑެންޓުވި މީހުންގެ ތެރެއިން އެކަކުގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި، އަނެކަކުގެ ފައި ބިނދި މޫނަށް ވެސް އަނިޔާ ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ލިބުނު އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް މިހާރު ވަނީ ސާޖަރީ ހެދުމުގެ މަސައްކަތްވެސް ފަށާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ތިން މީހުންގެ ހާލުވެސް މިވަގުތު ވަރަށް ސީރިއަސްއެވެ.

މިހާރަކަށް އައިސް މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ނިސްބަތް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދާދިފަހުން ހުޅުމާލޭގެ ފޭސް 2 ގައި ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއްވެސް ވަނީ ހިނގާފައެވެ. ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، އެ ވީޑިއޯ އިން ފެންނަ ގޮތުން މި އެކްސިޑެންޓުގައި އަންހެނެއްގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެ އަދި ފިރިހެނެއްގެ ގައިން ވަރަށް ބޮޑަށް ލޭ އައިސްފައިވާ މަންޒަރުވެސް ފެނެއެވެ.