ބޯހިޔާވަހިކަމުގެ ކެޓަގަރީގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ 12 އަހަރަށްފަހު ރޭ ބޭއްވި މަޖިލީހުގެ ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރެއްވިއިރު އެ މުވައްޒަފުން ކަންބޮޑުވާ ދެ ކަމެއް ފާހަގަކުރެއްވި ކަމަށާއި އެއިން އެއްކަމަކީ އެހެން އިދާރާތަކުން ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަން ދޭ ފަދައިން ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފުން މިއިން ކެޓެގަރީއަކަށް ލައްވާނުލުން. ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އިދާރާއިން އެކަން އިންތިޒާމުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރައްޔިތުން މަޖިލީހުން އެކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެހެންކަމުން އެ މަސައްކަތް މަޝްވަރާގެ މަތިން ކުރިއަށްގެންދަވާނެ ކަމަށެވެ.
އޭގެ އިތުރުން ވަރަށް ދިގު މުއްދަތަކަށް މަޖިލިސް އިދާރީ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ނުލިބިވާ ކަން ފާހަގަކުރި ކަމަށާއި މިހާރު އެކަން ކޮމިޓީއިން ފާސްކޮށް، މި އަހަރު ޖެނުއަރީއިން ފެށިގެން 20 ޕަސެންޓް އިތުރުވުމެއް އައިސްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިދާރީ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ދެވޭ ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްކަން ލިބިގެން އިދާރީ ގޮތުން ކުރަން ބޭނުންވި ކަމަކީ ރައްޔިތުން މަޖިލީހުގެ މުވައްޒަފުންނާ ބައްދަލުކުރުން ކަމަށާއި އެމަގާމު ލިބި ޖެހިގެން އައި ދުވަހު އިދާރީ މުވައްޒަފުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އިދާރީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް އިހުސާސްކުރެވޭ ކަމަށާއި ރައްޔިތުން މަޖިލީހެއް ހަގީގަތުގައިވެސް އޭގެ ޒާތުގައި ރައްޔިތުން މަޖިލީސް ހިނގަމުން ދަނީ އެ ބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އިދާރީ މުވައްޒަފުންގެ މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނެކޭ އެއްފަދައިން ރައްޔިތުން މަޖިލީހުގެ މެންބަރުން ތަޅުމުގައި ކުރައްވާ މަސައްކަތް އާންމުކޮށް ޓީވީތަކުން ފެނިގެން ދިޔަ ނަމަވެސް ފަރުދާގެ ފުރަގަހުގައި އިދާރީ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް އަސްލު ހަގީގަތުގައި ނުފެންނާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މިހެން ބޭއްވޭ ހަފްލާއެއްގައި ދެވޭ ސެޓްފިކެޓަކީވެސް ނުވަތަ ދެވޭ އިނާމަކީވެސް ހަގީގަތުގައިވެސް އިދާރީ މުވައްޒަފުންގެ ގައުމީ ހިދުމަތަށް އަގެއް ނޫން ކަމަށާއި އެ ގައުމީ ހިދުމަތަކީ މި ގައުމު އެކަމަށްޓަކައި ފަހުރުވާނެ ފަދަ ހިދުމަތްތަކެއް ކަމަށެވެ.