ޕާކިސްތާންގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި އެންމެ ގިނަ ހޯދީ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ކަމަށް ވިޔަސް ޕާޓީއެއްގެ ގޮތުން އިންތިހާބު ކާމިޔާބު ވީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ޕާޓީއަށެވެ.
އިމްރާންގެ މައްޗަށް ޖަހު ހުކުމްތަކެއް އިއްވައި, އޭނާ ތަމްސީލު ކުރާ ޕާޓީގެ ސިއްކަ އިންތިހާބުތަކުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ފަހު ބޭއްވު އިންތިހާބުގައި އޭނާގެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުން ވަނީ 91 ގޮނޑި ހޯދާފައެވެ. އެމީހުން އިންތިހާބުގައި ވާދަ ކުރީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.
ވެރިކަމުގައި އޮތް ނަވާޒުގެ ޕާޓީއަށް 64 ގޮނޑި ލިބިފައި ވުމުން އިންތިހާބުގައި ޕާޓީއެއްގެ ހަސިއްޔަތުން ކާމިޔާބުވި ޕާޓީއަކީ އެއީއެވެ. ދެން ވާދަ ކުރި ޕީޕީޕީ ޕާޓީއަށް 50 ގޮނޑި ލިބިފައި ވާ އިރު އެހެނިހެން ޕާޓީތަކަށް ލިބިފައި ވަނީ 20 ގޮނޑިއެވެ.
އަދި މިހާތަނަށް ނުގުނާ 39 ގޮނޑިއެއްގެ ނަތީޖާ އޮތް އިރު މިހާތަނަށް އިއުލާން ކުރި ނަތީޖާއާއެކު ނަވާޒު އާއި އިމްރާންގެ ޕާޓީން ވަނީ ކާމިޔާބީ އިއުލާން ކޮށްފައެވެ.
ކާމިޔާބީ އިއުލާން ކުރުމަށް ނަވާޒު ބޭއްވެވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ, ހުރިހާ ޕާޓީ ތަކާއި މިނިވަން ކެންޑިޑޭޓުންގެ މެންޑޭޓަށް އިހުތިރާމް ކުރައްވާ ކަމަށާއި ސަރުކާރު އެކުލަވާލުމަށްޓަކައި އޭނާގެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު ދެއްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަލާކުވެފައި ވާ ޕާކިސްތާން އަލުން އާރާސްތު ކޮށް ހަމައަކަށް އަޅުވަން ޖެހޭ ކަމަށާއި ހުރިހާ ފަރާތްތަކަކުން އޭނާއާ ގުޅުމަށް ގޮވާލައްވަނީ ޕާޓީއެއްގެ ހައިސިއްޔަތުން އެންމެ ގިނަ ގޮނޑިއާއެކު އިސްނެގުމުގެ މެންޑޭޓު ލިބިވަޑައިގެންފައި ވާތީ ކަމަށެވެ.
އިމްރާންގެ ޕާޓީން ބުނެފައި ވަނީ, ޕާކިސްތާންގައި އެކުލަވާލައި އާ ސަރުކާރަކީ ސެންޓާ ރައިޓް ސަރުކާރަކަށް ހަދާނެ ކަމަށާއި އެމަގަމަށް މަސައްކަތް ބައްޓަން ކުރުމަށް ކެންޑިޑޭޓުންނަށް ގޮވާލާކަމަށެވެ. އިމްރާންގެ ކެމްޑިޑޭޓުންނަށް ލިބުނު ކާމިޔާބީއާއެކު އުފާފާޅު ކުރަމުން ދާއިރު, ގިނަ ބަޔަކު ދަނީ އިމްރާން ދޫކޮށްލުމަށް ވެސް ގޮވާލަމުންނެވެ. އަދި އެގައުމުގެ އިލެކްޝަންސް ކޮމިޝަންގެ ކުރިމަތީގައި މުޒާރަހާއެއް ފަށާފައި ވާ އިރު, އެކަށީގެންވާ ވަރަށް ވޯޓު ނުލިބުނު ބައެއް ޕާޓީތަކުން ދަނީ އެ ޕާޓީތަކުގެ ސަޕޯޓް ބޮޑު ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ.
ޕާކިސްތާންގެ އިންތިހާބަކީ, ލޭއޮހޮރުވުންވެސް ހިނގައި 2 މީހަކު މަރުވި އިންތިހާބަކަށް ވާއިރު, އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް ބޮން ގޮއްވާ އެތައް ބަޔަކު މަރާލައި ހަމަނުޖެހުންވެސް ހިންގާފައި ވާ އިންތިހާބަކެވެ.