ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ރިލީޒްކުރާ ފުރަތަމަ ފީޗާ ފިލްމު "ފުރޭތަ" ރިލީޒްކުރާ ތާރީހް އިއުލާންކޮށްފިއެވެ.

ޑާކްރެއިނުން ބުނީ އެމީހުން މިއަހަރު ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފުރަތަމަ ފިލްމު "ފުރޭތަ" އޮލިމްޕަހަށް އަރާނީ އަންނަ މާޗު މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. އެ ސްޓޫޑިއޯ އިން ވަނީ ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ.މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މި އަހަރުގެ ޖޫން ގައެވެ. ނަމަވެސް މި ފިލްމު ރޯދައިގެ ކުރިން ގެނެސްދޭން ނިންމައި ފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހޮޓްލައިން ނަމްބަރަކީ 9911229 އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

ޑާކްރެއިނުން މިދިޔަ އަހަރު ވަނީ ދެ ފިލްމެއް އޮލިމްޕަހަށް ގެނެސްދީފައެވެ. އެއީ ބީވީމާ އަދި ނޮވެމްބާ އެވެ. މިއަހަރު ވެސް އެ ކުންފުނިން ދެ ފިލްމެއް އޮލިމްޕަހަށް ގެންނާނެ ކަމަށް ލަފާކުރެވެއެވެ. ޑާކްރެއިންގެ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު ރިލީޒްކުރާއިރު "ބަޅިނދު" ވެސް މި އަހަރު ފަހުކޮޅު ރިލީޒްކުރާނެކަމަށް ބެލެވެއެވެ.