ރައްޔިތުންގެ ތާއީދާއެކު ރައްޔިތުން މަޖިލީހުގެ ތ. އަތޮޅުގެ 4 ގޮނޑި ރައީސް ޑޜ. މުހައްމަދު މުއިއްޒަށް އަރުވާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރިޔާޒު ވިދާޅުވީ ކިނބިދޫގެ ރައްޔިތުންގެ އެންމެ ކަންބޮޑުވުމަކީ ވޭމަންޑޫއާއި ކިނބިދޫގެ ކޯޒްވޭގެ ކަމަށާއި އެ ވާހަކަ އެ މީހުން އަބަދުވެސް ދައްކާ ކަމަށެވެ. އަދި އެ މައްސަލައަކީ ރިޔާޒު ތަމްސީލުކުރާ ވޭމަންޑޫއާ ގުޅުންހުރި މައްސަލައެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ އެންމެ ގިނައިން މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރި އެއް މައްސަލަ ކަަމަށެވެ.

ރިޔާޒު ވިދާޅުވީ ވަރަށް ގިނައިން އެ ސުވާލު މިނިސްޓަރުންނާ ކުރަމުން ދިޔަ ކަމަށާއި މިދިޔަ ސަރުކާރުން ވެސް އެ ވައުދުވެވަޑައިގެން ނަމަވެސް ބިލާހަށް ވެގެން ގޮސް އެކަމެއް ނުވެ އޮތް ކަމަށެވެ. އަދި މިހާރު ކިނބިދޫ ދާއިރާ ތަމްސީލުކުރާ މެމްބަރު ވަރަށް ނުފޫޒު ގަދަކޮށް މިދިޔަ ސަރުކާރުގައި ހުންނެވި ކަމުގައި ވިޔަސް އެކަން މި ދާއިރާއަކަށް ކޮށްދެއްވާފައި ނުވުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ކޮޅުމަޑުލު ރައީސްގެ ރާޑަރުގައި ބަހައްޓައިގެން ރައީސްގެ އެޖެންޑާ ކުރިއަށްގެންދިއުމަށް ކޮޅުމަޑުލުގެ ހުރިހާ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ރައީސްއަށް ކޮށްދެވޭނީ ކޮން ކެމެއްތީ ވިސްނަވާ މިއޮއްހާ ދުވަހު ތ އަތޮޅު ރާޑަރުގައި ނެތް ސަބަބުންވެސް ވިސްނަވަން ޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ހުރިހާ ކަމަކަށް ވިސްނާ، އިގްތިސޯދީގޮތުން އަތޮޅަށް މަސައްކަތް ކުރުމަށްޓަކައި ހުރިހާ އެންމެން އެއް ވިސްނުމެއްގައި ރައީސް މުއިއްޒުގެ ފަހަތްޕުޅަށް އަަރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރަށް އިގްތިސޯދީ ގޮތުންވެސް މަސައްކަތްކުރެވޭނީ ގާނޫނީ ބޮޑެތި ބަދަލުތައް ގެނެވޭނީ ބޮޑެތި އިންވެސްޓްމަންޓްތައް ގެނެވޭނީ ސަރުކާރު ރައްޔިތުން މަޖިލީހުގެ ތާއީދު ލިބިގެން ކަމަށާއި އެ މެޖޯރިޓީ ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސަށް ޔަގީންކަން އަރުވަން ﷲ ގެ ވާގިފުޅާއެކު އަދި މި އަތޮޅުގެ ރައްޔިތުންގެ ތާއީދާއެކު އަޅުގަނޑުމެން ކޮޅުމަޑުލުގެ ހަތަރު ގޮނޑި ރައީސަށް އަރުވާނަން އަޅުގަނޑު"
ރިޔާޒު

ރިޔާޒު ވިދާޅުވީ ތ އަތޮޅުގެ ހަތަރު ގޮނޑި ސަރުކާރަށް ހޯދައިދިނުމަކީ އޭނާގެ އަޒުމެއް ކަމަށާއި އެ މަސައްކަތް ހުއްޓައި ނުލައްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ރައީސްގެ އިގްތިސޯދީ އެޖެންޑާއަށް ފުރިހަމަ ކާމިޔާބީ ހޯދައިދޭ، ރަންވަނައިގާ ނަތީޖާ ނެރެވޭ އަތޮޅެއްގެ ގޮތުގައި އެ އަތޮޅު ވެގެންދިއުމުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.