ވަށާޖެހޭ ސިޔާސަތުތަކުގެ ތެރެއިން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރު ހުށަހަޅުއްވާފައި ވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
ރިޔާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގައި ނަފްސާނީ ސިއްހަތާ ބެހޭ ހިދުމަތްތަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމާ ބެހޭ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތްކަން ފާހަގަ ކުރައްވައިފައެވެ.
ހަމަ އެއާއެކު، ރާއްޖޭގެ އާބާދީ އަށް ނަފްސާނީ ބަލިތަކާ ބެހޭ ހިދުމަތްތައް ލިބެމުން ނުދާތީ އާއި، އައިޖީއެމްއެޗްގައި ހުންނަ މެންޓަލް ހެލްތު ސެންޓަރުގެ ކިޔޫ ބޮޑުވެ، ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް އަވަސްމިނުގައި ފުރުސަތު ލިބިގެން ނުދާތީ އެ ގަރާރުގައި ކަންބޮޑުވުން. ފާޅުކޮށްފައިވެއެވެ.
އޭގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާގެ ކަންކަން ކުރިއަރުވައި، ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ތަންފީޒުކުރާނެ ކަމަށް ބަޔާންކޮށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ނަތީޖާ ނުފެންނަ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
އެ ގަރާރުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކަކީ:
- ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް މަދު ކަން
- ގިނަ ރަށްރަށުގައި އެފަދަ ކްލިނިކްތައް ނެތުން
- ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުން މަދުކަން
ނަތީޖާއެއްގެ ގޮތުން އާންމުންނަށާއި ހާއްސަކޮށް ނަފްސާނީ ބަލިތައް ޖެހިފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ލުޔެއް ނުލިބި ގިނަ ބަޔަކު އުމުރުގެ ބޮޑު ބައެއް ހޭދަކުރަން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
އެހެންކަމުން، ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި އާންމުންނަށް ދިނުމަށް ރިޔާޒްގެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.