އީރާނުގެ އެންމެ ކާމިޔާބު އަދި މަގުބޫލު ޖެނެރަލް ސުލައިމާނީ މަރާލި ދުވަސް ފާހަގަ ކުރަން އޭނާގެ މަގުބަރާއަށް އެއްވި އެތައް ސަތޭކަ ބަޔަކަށް އަމާޒު ކޮށް ދިން ބޮމުގެ ހަމަލާގެ ބަދަލު ފިސާރި ވަރުގަދައަށް ހިފާނެ ކަމަށް އީރާނުގެ ރައީސް އެބްރާހިމް ރައީސީ ވިދާޅުވެއްޖެއެވެ.
އެ މަގުބަރާގައި 2 ބޮމެއް ގޮއްވާލައި 103 މީހަކު މަރާލި ހާދިސާ އާ ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރަން އެއްވި މީހުންނާ މުހާތަބު ކުރައްވައި ރައީސީ ވިދާޅުވީ، މިހާރުވެސް އެ ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ 11 މީހަކު ހަޔަރު ކޮށްފައި ވާ ކަމަށެވެ.
އަދި އީރާނުގެ ދުޝްމަނުން ބަލި ކުރާނެ ކަމަށާއި އީރާނުގެ ގާބިލު ކަމާއި ބާރު ދުޝްމަނުންނަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އިންޓެލިޖަންސް އިދާރާއިން ބުނީ، ސުލެއިމާނީގެ މަގުމަރާއަށް އެއްވި މީހުންނަށް އަމާޒުކޮށް ބޮން ގޮއްވާލައި ޖާނުން ފިދާވި 2 މީހުންނަށް އެހީތެރިވެ ދިން ދެމީހަކު އެ ހާދިސާ ހިންގި ސިޓީ ކަރުމަން އިން ހައްޔަރު ކޮށްފައި ވާ އިރު އެހާދިސާ އާ ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު 9 މީހަކު ހައްޔަރު ކުރީ އެކިއެކި ސިޓީތަކުން ކަމަށެވެ.
މަގުބަރާއަށް އަމާޒުކޮށް ދިން ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އައިސިލް އިންނެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާ ދިނީ ދެމީހަކު ޖާނުންފިދާވެގެން ކަމަށެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ހިތާމައިގައި އެއްވި މީހުން ވަނީ އެމީހުންގެ އެކުވެރިންނާއި އާއިލާގެ މީހުންގެ ސަންދީއްތައް މަތީގައި އީރާނުގެ ދިދަ އަޅާ، 'އެމެރިކާ އަށް ހަލާކު ހުރި'، 'އިޒްރޭލަށް ހަލާކު ހުރި' ގޮވާ އަޑުގަދަ ކޮށްފައެވެ.
ބޮން ގޮއްވި އެ ހާދިސާގައި 103 މީހަކު މަރުވި އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 280 އަށް އަރާފައެވެ. އޭގެ ތެރޭގައި އަފްގާނިސްތާނަށް ނިސްބަތްވާ މީހުން ގިނަ ކަމަށް އިދާރާތަކުން ބުނެއެވެ.
އައިސިލް އަށް އަމާޒު ކުރައްވާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ޗީފް މޭޖާ ޖެނެރަލް ހޮސައިން ސަލަމީ ވިދާޅުވެފައި ވަނީ "ކަލޭމެން ކޮންމެ ތަނެއްގައި ފިލާ ތިއްބަސް ހޯދާނަން" ކަމަށެވެ.
ސުލައިމާނީ މަރާލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓަރަމްޕްގެ އޯޑަރަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި 2020 ގައެވެ.
އައިސިލް އިން މީގެ ކުރިންވެސް އީރާނުގައި ޓެރަރިސްޓް ހަމަލާ ދީފައި ވެއެވެ. އެގޮތުން 2022 ގައި ޝިޔައީންގެ އެއްވުމަކަށް ހަމަލާދީ 15 މީހަކު މަރާލާފައި ވެއެވެ. އަދި 2017 ގައިވެސް މިފަދަ ހަމަލާއެއް ދީފައި ވެއެވެ.