ކުރީ ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން އިއުލާން ކުރި 4000 ފްލެޓް ދުކުރަން ނެރުނު ލިސްޓުގައި ހިމެނޭ 59.6 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައި ވަނީ، އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭސީސީން ގެދޮރުވެރިންގެ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައެވެ. އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭ އިރު، 59.6 ޕަސެންތް ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ.

ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތަކުން ފެނުނު މައްސަލަތައް:

  • ފޯމްގައި ދީފައިވާ މައުލޫމާތިތައް ފުށުއެރުން ހުރި ފޯމްތައް - 70 ޕަސެންޓް
  • ޕޮއިންޓް ދިނުމުގައި މައްސަލަ ހުރި ފޯމް - 33 ޕަސެންޓް
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ފޯމް - 16 ޕަސެންޓް
  • ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހަޅާފައިވާ ފޯމް - 8 ޕަސެންޓް

އޭސީސީން ބުނާ ގޮތުގައި ޝަރުތު ހަމަނުވާ ފަރާތްތައް އެ ލިސްޓުގައި ހިމްނާފައިވާ އިރު، ޝަރުތުގައި ބަޔާން ކުރާ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރާ މާލޭގައި 15 އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ބުނާ ބައި ފުރިހަމަ ނުވާ ފަރާތްތައް ވެސް ލިސްޓުގައި ހިމަނާފައިވެއެވެ. އެގޮތުން ލިޔެކިޔުމުން އެ ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ދިރިއުޅެފައިވާ ކަން ޔަގީން ކުރެވިފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ވެސް ޕޮއިންޓް ދިނުމުގައި ވެސް މައުލޫމާތު ޔަގީންކޮށްފައި ނުވާ ހާލަތްތައް ފާހަގަވެފައިވާ ކަމަސް ވެސް އެސީސީން ބުނެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ދަރިއަކު ނެތް މީހުން، އެމީހުންގެ މައުލޫމާތު ޑިއެންއާރް އިން ބެލި ކަމުގައި ވިޔަސް 18 އަހަރުން ދަށުގެ ދަރިއަކު ނެތް ނަމަވެސް ދަރިން ތިބުމުން ލިބޭ ޕޮއިންޓް ދީފައިވާ ކަމަށް އެސީސީން ބުނެއެވެ.

މި ޕްރެސް ކޮންފަރެންސް ގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންނާއި އެގްރިމަންޓް ހަދައި ލިޔުން ދީފައިވާ މީހުންނާ މެދު ކަން ކުރާނެ ގޮތް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އެއީ އޭސީސީގެ މެންޑޭޓްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.