އައްޑޫ ބްރިޖުގެ ސަބަބުން، ހިމާޔަތްކޮށްފައިވާ އައްޑޫގެ ނޭޗަ ޕާކަށް ގެއްލުން ލިބޭނެ ކަމަށް ލަފާކޮށް އިކޯކެއާ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު އެކޯކެއާ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ބޮޑަށް ސަމާލުކަމެއް ދެނީ އެ ސަރަޙައްދުގެ ނާޒުކުކަން ބެލެންސްކުރުމަށް ކަމަށާއި އެހެންކަމުން ހުޅުދޫ-މީދޫ އާއި ހިތަދޫ ގުޅުވާލާ ބްރިޖުން ބޮޑު ގެއްލުމެއް ލިބޭނެތީ ދެ ވަނަ ވިސްނުމަކަށް ދިއުމަށް އެދޭކަމަށެވެ. މި ގޮތުން ބްރިޖުގެ ބަދަލުގައި ރަނގަޅު ފެރީ ނިޒާމެއް ތައާރަފްކުރުމަށް ގޮވާލަމުން އެކޯކެއާ އިން ބުނީ އޭރުން ބްރިޖުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުން ސަލާމަތްވާނެކަމަށެވެ. އަދި ކަނެކްޓިވިޓީގެ ބޭނުންތެރިކަން ދެނެގަނެ ބްރިޖެއް ކޮންމެހެން ބޭނުންވާކަމަށް ދެކޭ ނަމަ ހުޅުދޫ-މީދޫ އާއި ގަމާ ގުޅާލުމަށް އެ ބަޔާނުގައި ވަނީ އެދިފައެވެ.

މީގެ އިތުރުން އެކޯކެއާ އިން ބުނީ ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، ތިމާވެށި ހިމާޔަތްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާއި އެކު ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށެވެ. މިގޮތުންނީ ތިމާވެށީގެ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދީ، ކަންކަން ނިންމާއިރު އާއްމުންނާ ތިމާވެށީގެ ތަޖުރިބާކާރުން އަދި ކަމާގުޅޭ ފަރާތްތައް ގޮތް ނިންމާ މަރުހަލާގައި ބައިވެރިކުރުމަށް އިކޯކެއާއިން ވަނީ އެދިފައެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު ތަރައްގީއާ ގުޅޭ ކަންކަން ކުރަމުން އަންނަ ނަމަ އެކަމަކީ ޒިންމާދާރު ގޮތެއްގައި ހިނގާކަމެއްކަން ކަށަވަރުކުރެވި ތިމާވެއްޓަށް ގެއްލުން ލިބޭ މިންވަރު ކުޑަކުރެވިގެން ދާނެކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ބްރިޖް މަޝްރޫއުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ފަރުވާތެރިކަމާ އެކު ވިސްނައި، ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އެހެން ހައްލުތަކެއް ހޯދުމަށް ކަމާ ބެހޭ އެންމެހާ އިދާރާތަކަށް އިކޯކެއާ އިން ވަނީ ގޮވާލައިފައެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ އައްޑޫ ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ބްރިޖުގެ ސާވޭ ހެދުމަށް މި އަހަރުގެ ބަޖެޓުގައިވަނީ 30 މިލިއަން ރުފިޔާ ހިމަނާފައެވެ.