އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ވޯޓު ކަރުދާހުގައި އޮންނަ ކެންޑިޑޭޓުގެ ނަމާއި ދިމާލުގައިވާ ގޮޅީގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމެނިފައިވާ ނަމަ، ވޯޓު ސައްހަ ވާނެ ކަމަށް އިތުރުކުރުމަށް އެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު ނިންމުމެއް ކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނަމަ، ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ، އެ ވޯޓު ބާތިލްވާނެއެވެ.

ނަމަވެސް އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމެނިފައިވާ ނަމަ، އެއީ ސައްހަ ވޯޓެއް ކަމުގައި ބަލަން ވާނެ ކަމަށާއި، ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދާ ގޮތަށް ފާހަގަ ޖެހިޔަސް ވޯޓު ބާތިލު ނުވާނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ހިމެނުމަށް، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

ޝިފާއު ހުށަހެޅުއްވި ބިލު ދިރާސާކުރުމަށް އުފެއްދި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ، ނިޔަތް އެނގޭ ގޮތަށް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހިއްޖެ ނަމަ އެ ވޯޓަކީ ހައްގު ވޯޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން މިއީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ފުވާދު ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން ލޯފަން މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލިއިރު ކަރުދާހުގައި ޖެހި ފާހަގަ ފަވާފައިވާ ކަން ފާހަގަކުރެވުނު ކަމަށެވެ. މިހާރު އޮންނަ ގޮތުން ނަމަ، ދެ ފަހަރު ފަވާލެވިފައިވާނަމަ ވޯޓު ބާތިލް ވާނެ ކަން ފުވާދު ފާހަގަކުރެއްވިއެވެ.

އަދި މިކަމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.