އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، A ކެޓަގަރީގެ 6 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 36، އަދި B ކެޓަގަރީގެ 2 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 10 ފަރާތުގެ ތެރެއިން، ފުލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށް އިއުލާން ކޮށްފައިވާ ކަމަށެވެ.

ހުޅުދޫގައި އިމާރާތް ކުރި ފްލެޓްތަކަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ 2022 ވަނަ އަހަރުއެވެ. އެއީ އޭ ކެޓަގަރީގެ ދަށުން ހުޅުދޫ އާއި މީދޫގެ މީހުންނަށް 27 ފްލެޓެވެ.

އަދި ބީ ކެޓަގަރީގައި ހިމެނެނީ ހުޅުދޫ އާއި މީދޫގައި މިވަގުތު ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ފަރާތްތަކަށާއި ހުޅުދޫއަށް ބަދަލުވާން ބޭނުންވާ އެހެން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކޮށްފައިވާ 10 ފްލެޓެވެ.

މީގެ އިތުރުންވެސް އައްޑޫން ދޫކުރަން ނިންމި ބަންޑާރަ ގޯތި ލިބުނު މީހުންގެ މެދުގައި އަންނަ ބުދަ ދުވަހުން ފެށިގެން ގުރުއަތުލުން ނެގުމަށް ކައުންސިލުން ނިންމާފައި ވެއެވެ. އަދި ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މިގޮތުން އިތުރަށް ދޫކުރާ ގޯތި ދޫކުރާނެ ތަންތަނާއި ގޯތީގެ ސައިޒު ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާއިރު ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް މިހާރު އާންމުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން، ފެބުރުއަރީ 07، 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.