ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކި ކޮށްފިއެވެ.
އެ ޕާޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެމްބަރެއް އަދި ކެންޑިޑޭޓެއްގޮތުގައި ހުންނެވި ޖާބިރު ވަނީ މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް އަމަލު ކޮށްފައި ކަމަށެވެ.
އެހެންކަމުން ޖާބިރަށް މަޖިލީސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށްވެސް އެ ޕާޓީއިން ވަނީ ނިންމާފައެވެ. މީގެއިތުރުން ޕާޓީއާ އަލުން ގުޅުމަށް ޖާބިރު އެދުނުމަނަމަވެސް އެ ފުރުސަތު ދެވޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލީހުން ނިންމާ ގޮތެއްގެ މަތިންކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ޕާޓީއާ ގުޅުމުގެ ފުރުސަތު ދިނަސް ޖާބިރު ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތައް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކާށިދޫ ދާއިރާގެ މިހާރުވެސް މެންބަރު ޖާބިރު އެމްޑީޕީގެ ޕްރައިމަރީގައި އެ ދާއިރާއަށް އަލުން ވާދަކުރައްވައި ވަނީ ޓިކެޓު ހޯއްދަވާފައެވެ. 252 ވޯޓުން ޖާބިރު ޓިކެޓް ހޯއްދެވި އިރު، އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ އެދާއިރާގެ ރައީސް އަބްދުﷲ ރިފްއަތަށް ލިބުނީ 150 ވޯޓެވެ.