ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީއާ ހަވާލުވާން ހުޅުވާލި ފުރުސަތުގައި ހާޒިރު ނުވެވުނު ފަރާތްތަކަށް އަންނަ ބުދަ ދުވަހު ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ނިމިދިޔަ 2022 ވަނަ އަހަރު މާލެ ސަރަހައްދުން ދޫކުރި ގޯތި ތަކުގެ ރަޖިސްޓްރީ ހަވާލު ނުވެވުނު ފަރާތްތަކަށް އަލުން އެ ފުރުސަތު ދިނުމުގެ މަސައްކަތް ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެކަން ކުރުމަށް ހަމަޖެހިފައި ވަނީ އެ ދުވަހަކަށް ސޮއިކުރުމަށް އަންނަ ފަރާތްތަކަށް ހާޒިރުވާނެ ގަޑި އަދި ތާރީހް އެ މިނިސްޓްރީން އެފަރާތްތަކަށް އަންގާ ތަރުތީބަކުން ތާވަލް ކުރެވިގެން ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންނަމަ މިނިސްޓްރީގެ ހޮޓްލައިން ކަމަށްވާ 4004994 އަދި 4004797 އަށް ރަސްމީ ގަޑީގައި ގުޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މި މަހު 1 ވަނަ ދުވަހު ފަށާފައި ވާއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން 18،948 ފަރާތަކަށް މިހާރު ވަނީ ގޯތިދީފައެވެ.
ގޯތި ލިބުނު ލިސްޓުގައި ތިބި މީހުންނަށް ގޯތި ލިބޭނެ ކަމާއި ރަޖިސްޓްރީ ދިނުމުގެ އިތުރުން ކުރަން ޖެހޭ މަސައްކަތްތައް އެކުއެކީގައި ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު" ގައި އެ މަނިކުފާނު ވަނީ ނިމިދިޔަ ސަރުކާރުން ބިން ދޫކޮށްފައިވާ ހުރިހާ ރައްޔިތުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކުންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުންވެސް ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.