65 އަހަރު ވުމުން ރިޓަޔާކުރަން ބޭނުންނުވާ މީހުންނަށް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހިދުމަތުގައި މެދުކެނޑުމެއް ނެތި ދިގު ޒަމާނެއް ހޭދަކުރުމަށް ފަހު، އުމުރުން 65 އަހަރު ވާއިރަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ކަމަށެވެ. އެހެންކަމުން އުމުރުން 65 އަހަރު ފުރުމުން އެގްރިމަންޓް އުސޫލުން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.

ހަމައެއާއެކު މި އަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވާލައި، އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެ އާއި އަތޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އޭގެތެރެއިން ފުރަތަމަ މަރުކަޒު މާލޭގައި މި މަހުގެ ތެރޭގައި ހުޅުވޭއިރު، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމު ކުރުމަށް ވެސް ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ދައުރުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމައެއް، އުފައްދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މުއިއްޒު ވިދަޅުވިއެވެ.

މީހެ އިތުރުން އަދި އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 500 ހައުސިން ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.