ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު، ފުއްދައިދެއްވާނެ ކަމަށް ވިދާޅުވި 161 ވައުދުފުޅުގެ ތެރެއިން 50 ވައުދު ފުރިހަމަ ކުރެވިއްޖެ ކަމަށް އެމަނިކުފަނު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ފަރާތްޕުޅުން އެކުލަވާލި މަގު ޗާޓުގައި ސަރުކާތުގެ ފުރަތަމަ ދުވަހު ފިއްދާނެ ވައުދުތަކާއި، ހަތަރު ހަފްތާ އާއި ނުވަ ހަފްތާ އާއި 14 ހަފްތާ ތެރޭ ފުއްދަވާނެ ވާނެ ވައުދުތައް ވާނީ ހިމަނާފައި ކަމަށެވެ. ހަފްތާ 14 މަގު ޗާޓުގައި ޖުމްލަ 161 ވައުދު ހިމނެނޭ އިރު، އޭގެތެރެއިން 50 ވައުދު ވާނީ މިހާތަނަށް 100 ޕަސެންޓް ފުރިހަމަ ކޮށް ދެއްވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދާ ހަމައަށް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން 11 ހަފްތާ ފުރިހަމަ ވެފައިވާ އިރު، ވެރިކަމާ ހަވާލުވެވަޑައިގެން ދުވަހު ފުއްދަވަނެ ކަމަސް ވިދާޅުވި 7 ވައުދާއި، ހަތަރު ހަފްތާ ފުރިހަމަ ވުމުގެ ކުރިން ފުއްދަން ވައުދުވެވަޑަިއގެން އިތުރު 17 ވައުދާއި، 9 ހަފްތާ ފުރިހަމަ ވުމުގެ ކުރިން ފުއްދަވަން ވައުދުވެވަޑައިގެން އިތުރު 26 ވައުދު ހިމެނެއެވެ.

މީގެ އިތުރުން 14 ހަފްތާ ފުރިހަމަ ވުމުގެ ކުރިން ފުއްދަވަން ވެވަޑައިގެންފައިވާ 111 ވައުދުފުޅު ވެސް ފުއްދަވާނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވިއެވެ. އެ 111 ވައުދުފުޅުގެ 70 ޕަސެންޓް މިހާރުވެސް ވަނީ ފުއްދިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ދަނީ، ކުރިއަށް އޮތް 5 އަހަރުތެރޭ މި ވައުދުތައް ފުއްދެވުމަސް ސްޓްރެޓަޖިކް ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ފަންނީ އެހީތެރިންނާއެކު ކުރަމުންދާ މި މަސައްކަތަށް ޔޫއެންޑީޕީން ދެމުންދާ އެހީތެރިކަމަށް އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.