ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ރައްޔިތުންގެ މަޖިލީހުގައި އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނަކީ މިހާތަނަށް މަޖިލީހަށް ހުށަހެޅޭ އެންމެ ވިޝަނަރީ ބަޔާންކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ މާދަމާގެ ބަޔާނުގައި ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ވަރަށް އުންމީދީ އަދި ހަމައެހާމެ މުހިންމު ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަވާ ހާމަކުރައްވާނެ ކަމަށެވެ.

އަދި ބަރުލަމާނީ ހަޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް މާދަމާގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގަ އެވެ.

ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ޖެހެއެވެ.

އަދި ހަމައެހެންމެ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ކަނޑައަޅާފައި އޮންނަ ނަމަވެސް މިއަހަރު ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ.