އާޓިފިޝަލް ބީޗް ސަރަހައްދުގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.

އެ އަންހެން މީހާގެ އާއިލާ މެންބަރަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާ އަނިޔާ ކުރާތާ 17 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރިވި ނަމަވެސް ބޭރުންނާއި ގެއަށް ގަދަކަމުން ވަދެގެންވެސް އެ އަންހެން މީހާއަށް އަދިވެސް އެކި ވަރުގެ އަނިޔާ ކުރަމުންދާ ކަމަށެވެ.

އަދި މީގެ ކުރިންވެސް މައްސަލަ ޕޮލިހަށް ހިއްސާ ކޮށް އެ އަންހެންމީހާ އުޅޭ ގެއަށް ނުވަނުމަށް ފުލުހުން ފިރިހެންމީހާއަށް އަންގާފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އަދި އެކި ފަހަރު މަތިން އޭނާ އަންހެން މިހާ އަށާއި އެ އާއިލާއަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށް ވެއެވެ. އަދި ރޭ ވެސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ގިނަ ބަޔެއްގެ ކުރިމަތީ އެ އަންހެން މީހާއަށް އަނިޔާކުރި ނަމަވެސް އެތާ ތިބި މީހުން އެހީ ވެފައި ނުވާ ކަމުގެ ތުހުމަތު ޕޯސްޓުގައި ކޮށްފައި ވެއެވެ.

އެ ފިރިހެން މީހާ ތަޅާ އަނިޔާ ކުރި އިރު އެހީވީ އެތަނަށް އައި ބިދޭސީ މީހެއް ކަމަށް ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާ ކުރި އަންހެން މީހާގެ އާއިލާ މީހާ ބުނެފައި ވެއެވެ.