2017 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހަކީ ބަލްބީރް ސިންގް ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަހެކެވެ.
"އަހަރެންގެ އަންނައުނު އޮތީ ހަޑިވެފައި. އަހަރެންގެ ހާލު ވަރަށް ދަށް. އަތް ފައިގައި ބޮޑު ޒަހަމަތައް ހުރި. ނިޔަފަތިތަކުން ލޭ އާދޭ. އެކަމަކު އެއީ ވަރަށް ބޮޑު ދުވަހެއް. އަހަރެމެން ދާން އުޅެނިކޮށް ފެނުނީ އިޓަލީގެ ފުލުހުން އައިސް ދަނޑުގެ ވެރިފަރާތާއި އޭނާގެ އަންހެނުން ހައްޔަރުކުރިތަން." ބަލްބީރު ބުންަޏެވެ.
އިންޑީއާގެ ޕަންޖާބަށް ނިސްބަތްވާ ބަލްބީރް ކުރިން މަސައްކަތް ކުރީ އިނގިރޭސި ޓީޗަރަކަށެވެ. ނަމަވެސް ފަހުން އޭނާ ކުރަމުން އައީ ދަނޑުވެރިކަމުގެ މަސައްކަތެވެ. އިޓަލީގައި ދަނޑުވެރިކަން ކުރުމަށް ހޭދަކުރި ހަ އަހަރުގެ ތެރޭގައި އަނިޔާއާއި، މަރުގެ އިންޒާރުތަކާއި، ވައްކަމާއި، މުސާރަ ނުލިބުމާއި، ބަނޑުހައިހޫނުކަމާއި ނިކަމެތިކަން އޭނާ ވަނީ ތަހައްމަލު ކޮށްފައެވެ.
އިޓަލީގައި ތިބި އިންޑިއާގެ އެހެން މަސައްކަތްތެރިންނެކޭ އެއްފަދައިން، ބަލްބީރް އަށްވެސް އިޓަލީ ބަސް ދަސްކުރުމުގައި އުނދަގޫތަކާ ކުރިމަތިވިއެވެ. އަތުގައި ފައިސާ ނެތް އިރު، އޭނާ އަށް ލިބިފައިވާ ހައްގުތަކަކީ ކޮބާކަން ވެސް އޭރަކު ނޭނގެއެވެ.
ގިނަ ދުވަސްތަކެއް ފާއިތުވެގެން ދަނީ ކާނެ އެއްޗެއްހާ ހިސާބުވެސް ނުލިބިއެވެ. އޭނާ ދިރިއުޅެމުން އައީ ދަނޑުވެރި އާއިލާގެ ޑަސްބިނުގައި ބާކީވެގެން އަޅާފައި ހުންނަ ކާއެއްޗެއްސާއި، އޫރު އަދި ކުކުޅުތަކަށް ކާން ދިނުމަށް އެ އާއިލާއިން އުކާލާ ކާ އެއްޗެހި ކައިގެންނެވެ.
އޭނާ ދިރިއުޅުނީ ގޭހާއި ކަރަންޓު ވެސް ނެތިއެވެ. އިޓަލީގެ ސޯސިއޮލޮޖިސްޓް އަދި ރިސާޗަ މާކޯ އޮމިޒޯލޯއަށް އިންޑިއާގެ އެކުވެރިއެއްގެ ފަރާތުން މިކަން އެނގިގެން ފުލުހުންނަށް އެންގުމާ ހަމައަށްވެސް، ބަލްބީރް އެހީއަށް އެދި ގޮވި އަޑު އެއްވެސް މީހަކަށް އިވިފައި ނެތެވެ.
ބަލްބީރަކީ އޭނާއާ މެދު އިހާނެތިކޮށް ކަންތައް ކޮށްފައިވާ 'ވަޒީފާ ދިން ފަރާތް' ގޮވައިގެން ކޯޓަށް ދިޔަ މަދު ބިދޭސީންގެ ތެރެއިން އެކެކެވެ. އޭނާ އަށް ކުރިމަތިވި ނިކަމެތިކަމަށް އިންސާފު ހޯދައިދިނުމަށް އެދި އޭނާ ވަކާލާތު ކުރި އިރު، ހިޖުރަވެރިންގެ ހާލަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވެސް އޭނާ މަސައްކަތް ކުރިއެވެ. 2018 ވަނަ އަހަރު 'އިންސާފުގެ ސަބަބުތަކަށްޓަކައި' އިޓަލީ އިން ރެސިޑެންސް ޕާމިޓުދި ން ފުރަތަމަ ހިޖުރަވެރިޔާއަށް އޭނާ ވަނީ ވެފައެވެ.
ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް އިންޑިއާއަށް އެނބުރި އައި ބަލްބީރް ބުނީ މިހާރު އިހުސާސް ކުރެވެނީ "މިނިވަން ފުރާނައެއްގެ އިހުސާސް" ކަމަށެވެ. "އަހަރެން މިހާރު އިންތިޒާރު ކުރަނީ މި މައްސަލަ ނިމި، އަހަންނަށް ލިބެންޖެހޭ އިނާޔަތްތައް ލިބޭނެ ދުވަހަކަށް. އޭރުން އަނބިމީހާ ގޮވައިގެން އިޓަލީއަށް ގޮސް، އެތަނުގައި ގެއެއް ހަދައިގެން ދިރިއުޅުމަކީ އަހަރެންގެ އުންމީދު."
ދިރިއުޅުމަކީ ޖިހާދެއް ނަމަވެސް، ބަލްބީރް އަށް ދިމާވި ނިކަމެތިކަން އޭނާގެ ދުޝްމަނަކަށް ވެސް ދިމާވުން ނޭދޭ ކަމަށް އޭނާ ބުންޏެވެ. "އެ އަނިޔާތައް މިހާރު ހަނދާން ވިޔަސް ގައިން ހީބިހި ނަގާ."
ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އިންޑިއާގެ މަސައްކަތްތެރިން ރޯމްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ އެގްރޯ ޕޮންޓީނޯއަށް ދަނޑުވެރިކަމުގެ މަސައްކަތަށް ގޮސްފައިވީ ނަމަވެސް، އެމީހުންނަށް ކުރިމަތިވި އަނިޔާތަކާ ބެހޭ ގޮތުން ވަކިން ހާއްސަކޮށް ބޭރުމީހުންނާއި ނޫސްވެރިންނާ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބެނީ ވަރަށް މަދު ބަޔަކަށެވެ.
އިޓަލީގައި ދިރިއުޅޭ އިންޑިއާގެ 30000 މީހުންގެ ތެރެއިން ގިނަ މީހުންނަކީ އިޓަލީގެ މޭވާ އާއި ތަރުކާރީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށް މާކޯ ބުންޏެވެ.
އެގްރޯ ޕޮންޓީނޯއަކީ އެ ގައުމުގެ އެންމެ އުފެއްދުންތެރި އެއް ސަރަހައްދަށް ވާއިރު، އެ ސަރަހައްދުގެ އެންމެ މަގުބޫލު އުފެއްދުންތަކުގެ ތެރޭގައި ފެހި ރަނުގެ ނަމުން ނަން ދީފައިވާ ކިވީ ހިމެނެއެވެ. ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް އިންޑިއާގެ ގިނަ މަސައްކަތްތެރިން ކިވީ ދަނޑުތަކުގައި މަސައްކަތް ކުރެއެވެ.
އިޓަލީން އަހަރަކު 320000 ޓަނުގެ ކިވީ އުފައްދާއިރު، އޭގެ ތެރެއިން އެންމެ ގިނައިން ކިވީ އުފައްދަނީ ލާޒިއޯ ސަރަހައްދުންނެވެ. މިއީ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ޒެސްޕްރީ އިސްކޮށް ހަރަކާތްތެރިވާ 400 މިލިއަން ޔޫރޯ (431 މިލިއަން ޑޮލަރު) އަށް ވުރެ އަގުބޮޑު މާކެޓެކެވެ.
ކުދި އަދި މެދު ފަންތީގެ ދަނޑުތަކުން ކިވީތައް ބޮޑެތި ގުދަންތަކަށް ގެންގޮސް، މުޅި ޔޫރަޕްގައި މާކެޓް ކުރުމުގެ ކުރިން، ޒެސްޕްރީ ލޯގޯ ޖަހާފައި ބަންދުކޮށް ބްރޭންޑް ކުރެއެވެ.
ހަފުތާއަކު ހަތް ދުވަހު، ދުވާލަކު 10-11 ގަޑިއިރު ދަނޑުތަކުގައި މަސައްކަތް ކުރަން މަޖުބޫރު ނަމަވެސް، ގަޑިއަކު ހަ ޔޫރޯ (6.50 ޑޮލަރު) އަށް ވުރެ ބޮޑު މުސާރައެއް ނުލިބޭ ކަމަށް މަސައްކަތްތެރިން ބުނެއެވެ. އެކަށީގެންވާ މިންވަރަށް ފާހާނާ ބޭނުންކުރުމާއި ބްރޭކް ނެގުމަކީ ގިނަ ބަޔަކަށް ނުލިބޭ ފުރުސަތަކަށް ވާއިރު، ގިނަ މަސައްކަތްތެރިން ބުނީ އަންގި އާއި މާސްކް ފަދަ ރައްކާތެރިކަމުގެ އާލާތްތައްވެސް ގަވާއިދުން ނުދޭ ކަމަށެވެ.
މަސައްކަތުގެ ރަނގަޅު އެއްބަސްވުމެއް ނޯންނަ ނަމަ، ރެސިޑެންސް ޕާމިޓު އާކޮށް ގާނޫނީ ހުއްދައާއެކު އިޓަލީގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިޓަލީއަށް ދިއުމަށް އިންޑިއާގެ މަސައްކަތްތެރިން 15000 ޔޫރޯ (16200 ޑޮލަރު) އާ ހަމައަށް ފައިސާދައްކައެވެ. ގިނަ މަސައްކަތްތެރިން މި ފައިސާ ދައްކަނީ ގާތް ތިމާގެ މީހުން އަތުން ލޯނު ނަގައި ދަރަނިވެރިވެގެން، ނުވަތަ ބިމާއި ގެރިއާއި ގަހަނާ ވިއްކައިގެންނެވެ.
އެކަމަކު އިންޑިއާގައި މަސައްކަތް ކުރުމަކީ ގިނަ މީހުން ބޭނުންވާ ގޮތެއް ނޫނެވެ. ޕަންޖާބުގައި މަސައްކަތް ކުރާ މީހުންގެ މަހު މުސާރަ އަކީ އާންމުގޮތެއްގައި 80-120 ޔޫރޯ (87 ޑޮލަރާއި 120 ޑޮލަރާ ދެމެދު) އާ ދެމެދުގެ އަދަދެކެވެ. އިޓަލީގައި އިންޑިއާގެ މަސައްކަތްތެރިއަކަށް މަހަކު އެވްރެޖްކޮށް 863 ޔޫރޯ (934 ޑޮލަރު) ލިބެއެވެ.
ގުޖިންދަރް (އަސްލު ނަމެއް ނޫން) ވަނީ ޒެސްޕީ ކުންފުނީގައި ތިން އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ. މަޑު މަޑު އަޑާއި، ކަރުނަ އޮހޮރެމުން ދިޔަ ދެލޮލުން އޭނާ ހަނދާންވީ، ކުޑަ ހިނދުކޮޅަކަށް މަސައްކަތް ހުއްޓާލުމުން، އޭނާއާ ދިމާލަށް އެއްޗެހި ގޮވި ސުޕަވައިޒަރު މަތިންނެވެ. "އެ އަންހެނާ އަހަރެންނާ ދިމާލަށް ވަރަށް އެއްޗިސްކި. ތަޅާ އަނިޔާކުރާނެ ކަމުގެ އިންޒާރުވެސް ދިން."
ދަނޑުތަކުގައި މަސައްކަތް ކުރަން އުޅުމުގެ ތެރެއިން ލޮލަށް އެއްޗެއް ވަނުމުންނާއި ފެން ބޯން މަސައްކަތް ހުއްޓާލި ތިން ފަހަރަކު ސުޕަވައިޒަރު އޭނާގެ ފޯނު ނަގައިގެން އެ މަންޒަރު ވީޑިއޯކުރިކަމަށް ގުޖިންދަރް މައުލޫމާތުދިނެވެ. "އެ ވީޑިއޯތައް ނެގީ އަހަރެންނަކީ މަސައްކަތް ކުރުމުގެ ކުޅަދާނަކަން ނެތް މީހެއް ކަމަށްބުނެ، ކުންފުނީގެ ވެރިންނަށް ދެއްކުމަށް. އަދި އެހެން މަސައްކަތްތެރިންނަށް އިންޒާރެއްގެ ގޮތަށް."
ގުޖިންދަރް ބުނީ އެ ހާލުގައި ވެސް އޭނާ މަސައްކަތް ކުރީ ދަރިންނާއި އަނބިމީހައަށްޓަކާ ކަމަށެވެ. "އަނބިދަރިން ތިބީ އިންޑިއާގައި. އެމީހުން ނުފެންނަތާ 13 އަހަރުވެއްޖެ."
މިފަދަ ތުހުމަތުތަކާ ގުޅޭ ގޮތުން ޒެސްޕްރީ ކުންފުނިން ބުނީ ކިވީ ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކުންފުނީގެ މުވައްޒަފުން އަޅާލާކަމަށެވެ. އަދި މަދު ބަޔަކު އެކަން ކުރުމަށް ފެއިލްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން އިތުރަށް ބުނީ މަސައްކަތްތެރިންނާ މެދު އިހާނެތިކޮށް ކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ކަމުގައި ޝާމިލުވާ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ ގޮތުން ކުންފުނީގެ ގަވައިދުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި އެ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ތަހުގީގުކޮށް، ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންނަށް އެންމެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތްތައްވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
އިޓަލީގައި 1200 އަށްވުރެ ގިނަ ދަނޑުވެރިންނާއެކު މަސައްކަތް ކުރާ މި ކުންފުނިން ބުނީ އެ ކުންފުނީގައި މަސައްކަތް ކުރުމަށް މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހަތާއި ދުޅެހެޔޮކަމުގެ މިންގަނޑުތައް ބަޔާންކުރާ މިނިވަން އަދި ބައިނަލްއަގްވާމީ ސިސްޓަމެއް ކަމަށްވާ 'ގްލޯބަލް ރިސްކް އެސެސްމަންޓް އޮން ސޯޝަލް ޕްރެކްޓިސް' ސެޓްފިކެޓް އޮންނަ ފަރާތްތަކަށް ވާންޖެހޭކަމަށެވެ. އެ ކުންފުނީގެ އުފެއްދުންތައް ބަންދުކުރާ ސަޕްލަޔަރުންނަކީ މަސައްކަތްތެރިންގެ ހާލަތު މޮނިޓާކުރާ ތާޑް ޕާޓީ ސެޓިފިކޭޝަން ބޮޑީއެއް ކަމަށްވާ ސެޑެކްސްގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ކަމަށް އެ ކުންފުނިން ބުނެއެވެ.
ޒެސްޕްރީން ބުނީ ބޭއިންސާފު އަމަލުތަކާ ބެހޭ ގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ދިނުމަށާއި އެ ފަރާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރުމަށް ތާޑް ޕާޓީ ސެޓިފިކޭޝަން ބޮޑީސް އާއި އެ ޖަމިއްޔާގެ ސަޕްލަޔަރުންނަށް ވެސް ގުޅާފައިވާ ކަމަށެވެ.