މި ދިޔަ ބުރާސްފަތި ދުވަހު ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރަކަށް ހަނގާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުދިންތަކެއް ވެގެން ހަނގާ ކުރުމުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއަށް މިހާރު ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދީފައި ވާކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 11 އަހަރުގެ އެ ކުއްޖާއަށް އަނިޔާކޮށްފައި ވަނީ، އެ ސްކޫލުގައި އުޅޭ ހަތަރު ކުއްޖަކު ބައިވެރިވެގެނެވެ.

މިދިޔަ ހޯމަ ދުވަހު ހުވަދޫ ސްކޫލުގައި ކިޔަވަމުން ދިޔަ އެ ކުއްޖާގެ ގައިގައި ގޮނޑިންނާއި، މޭޒުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައި ވުމުގެ ސަބަބުން ކަރާ ދިމާއިން ކަށިގަނޑެއް ބިނދިފައި ވާކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރުވާން ފެށި ޕޯސްޓާއެކު މިކަން ވަނީ އިދާރާތަކުގެ ސަމާލުކަަމަށް އައިސްފައެވެ. އެ ކުއްޖާގެ އާއިލާ ފަރާތުން ބުނީ ކުއްޖާއަށް ހަނގާކުރުމުގެ އެކި ކަންކަމާ ސްކޫލު ތެރެއިން ކުރިމަތި ވަމުން، އަންނަތާ 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އާއިލާއިން ބުނީ އެ މައްސަލަ ތަކުރާރުކޮށް ސްކޫލަށް ހުށަހަޅައިގެން ވެސް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ. އެ ކުއްޖާގެ އިތުރު މެޑިކަލް އެސެސްމަންޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އާއިލާއިން ބުނީ، ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނެ އެ މައްސަލަ ބެލެނިވެރިންނާ ގުޅިގެން ހައްލުކުރުމަށް ސްކޫލުން އާއިލާގައި އެދިފައި ވާ ކަމަށެވެ.

މި މައްސަލައިގައި ސްކޫލުގެ ބަހެއް އަދި އެޑިއުކޭޝަންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.