ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ސްކުއިޑް ގޭމްސް" ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފިއެވެ.

ދެކުނު ކޮރެއާގެ ތުރިލާ ޖޯންރާ އަށް ބިނާކޮށްފައިވާ މިފަހަރުގެ ސީޒަންގެ ޓީޒާ އިން ފެނިގެންދަނީ މިދިޔަ ސީޒަންގައި ގޭމު ކާމިޔާބުކުރި ލީ އުންޖޭ، ސްކުއިޑް ގޭމް އަސްލު އުފެއްދި މީހާ ހޯދަން ކުރާ މަސައްކަތެވެ. ޓީޒާ އާއެކު ދެވަނަ ސީޒަންގެ ބައެއް މަންޒަރުތައް ހިމެނޭ ފޮޓޯތަކެއް ވެސް ވަނީ އާންމުކޮށްފައެވެ.

ސްކުއިޑް ގޭމްސް އަކީ ބައިވަރު މީހުންތަކެއް ބައިވެރިވެގެން އެމީހާގެ ފުރާނައަށް ނުރައްކަލަކަށް ހުށައެޅިގެން ކުޅޭ ގޭމެކެވެ. އެ ގޭމުން މޮޅުނުވާ މީހުން މަރުވާއިރު މަރުވާ ކޮންމެ ބޮލަކަށް ވަކި އަދަދެއްގެ ފައިސާ ކަނޑައެޅިފައިވެއެވެ. އަދި ގޭމް ނިމިގެންދާއިރު ދިރިހުރި ހަމައެކަނި މީހާ އަށް އެ ފައިސާގެ އިނާމު ލިބިގެންދެއެވެ. ސްކުއިޑް ގޭމްސްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2021 ވަނަ އަހަރުގައެވެ. މީގެ އަހަރުތަކެއް ކުރިން ފުރަތަމަ ސީޒަން ފުރިހަމައަށް ގެނެސްދޭން މަސައްކަތްކުރި ކުރުން ވަނީ ކާމިޔާބުވެފައެވެ.

ރެކޯޑު އަދަދަކަށް "ސްކުއިޑް ގޭމްސް" ގެ ސީރީޒް މީހުން ބެލިއިރު މި ސީރީޒް ވެފައިވަނީ މިހާތަނަށް ނެޓްފްލިކްސް އިން ނެރުނު އެންމެ ކާމިޔާބު އެއް ސީރީޒަށެވެ. މި ސީރީޒުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާއިރު މި ސީރީޒްގެ ދެވަނަ ބައެއް ވެސް ގެންނާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ މިދިޔަ އަހަރު އިއުލާންކޮށްފައެވެ. މި ސީރީޒް ސްޓްރީމް ކުރި ފަހުން މަޝްހޫރު ޔޫޓިއުބަރުން ވެސް ވަނީ ސްކުއިޑް ގޭމްސް، ހަގީގީ ދިރިއުޅުމުގައި ކުޅޭ ވީޑިއޯ ތަކެއް އުފައްދާފައެވެ. އޭގެ ތެރޭގައި މިސްޓާ ބީސްޓް އަދި ބްރެންޓް ރިވޭރާ ހިމެނެއެވެ.