އިސްރަށްވެހިންގެ މަރުކަޒުތަކުގައި ފޯރުކޮށްދޭނެ ހިދުމަތްތައް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކަނޑައަޅައިިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެކި ވުޒާރާތަކާއި އިދާރާތަކާ ގުޅިގެން އިސްރަށްވެހިންގެ މަރުކަޒުތަކުގައި ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާފައި ވާކަމަށެވެ. އަދި މި ހިދުމަތްތަތަކީ ރައްޔިތުންގެ އެންމެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ހިދުމަތްތަކަކަށް ވާނޭކަަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ހިދުމަތްތައް ދޭން ނިންމާފައިވާ ވުޒާރާތަކުގެ ތެރޭގައި ސްޕޯޓްސް ރެކްރިއޭޝަނާ ބެހޭ ވުޒާރާ، ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާ ބެހޭ ވުޒާރާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު އަދި ސިފައިންގެ އިތުރުން މޯލްޑިވެސް ގާލް ގައިޑް އެސޯސިއޭޝަންވެސް ހިމެނެއެވެ.
މި ވުޒާރާތަކުން ދޭން ނިންމާފައިވާ ހިދުމަތްތަކަކީ:
1. ސްޕޯޓްސް ރެކްރިއޭޝަނާ ބެހޭ ވުޒާރާ
- ހަފްތާއަކު ތިން ދުހު ކަސްރަތު ޕްރޮގްރާމުތައް ބޭއްވުން
- ކެރަމް، ޓީޓީ އަދި ރާޒުވާ ކުޅިވަރުތައް ބޭއްވުން
- ކުޅިވަރު ހަރަކާތްތަކުގެ ކޯޗިން ދަސްކުރަން ޝައުގުވެރިވާ މީހުންނަށް ކިޔަވައިދިނުން
2. ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާރޓްސް އާއި ބެހޭ ވުޒާރާ
- ނަފްސާނީ ގޮތުންނާއި ޖިސްމާނީ އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
- ފެހުމާއި އެހެނިހެން ކުރު ކޯސްތައް
- މުނިފޫހިފިލުވުން
- ނަސޭހަތުގެ ސެޝަންތައް ކުރިއަށް ގެންދިއުން
- ސައިކޮސޯޝަލް އެހީތެރިކަން ފޯރުކޮށްދިނުން
3. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު
- ކުރު ތަމްސީލު
- ކުރެހުން
- ބައިތު
4. ސިފައިން
- ސިއްހީ ހޭލުންތެރިކަން ފޯރުކޮށްދިނުން
- ކަނޑުމަތީގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުން
- އަލިފާނާ ގުޅޭ ހޭލުންތެރިކަން ފޯރުކޮށްދިނުން
- ޓީމް ބިލްޑިން ޕްރޮގުރާމްތައް ބޭއްވުން
5. މޯލްޑިވެސް ގާލް ގައިޑް އެސޯސިއޭޝަން
- ގޭމް ނައިޓް ބޭއްވުން
- ކެލިގްރަފީފަދަ ހުނަރުތައް ދަސްކޮށްދިނުން
- ރޯދަމަހު ތަފާތު ކުޅިވަރުތައް ބޭއްވުން
- ދީނީ ޕްރޮގުރާމްތައް ބޭއްވުން
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އަންނަނީ މިފަދަ އެތައް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމަށާއި، ސިޔާސީ ދާއިރާގައި ހަރުދަނާ އަންހެނުން ބިނާ ކުރުމަށްޓަކައި މިދިޔަ ޖަނުއަރީ މަހު މަސައްކަތު ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މި މަސައްކަތު ބައްދަލުވުމުގައި އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، ވިމަން އިން ޓެކް އަދި ހޯޕް ފޮރ ވިމަން އިން ބައިވެރިވެ، މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.