އިސްރަށްވެހިންގެ އިޖްތިމާއި މަރުކަޒުތަކުގެ ތެރެއިން ފުރަތަމަ މަރުކަޒު އަންނަ މަހުގެ ތެރޭގައި ހުޅުވިގެންދާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާގެ ސޯޝަލް ސާވިސް ކޯޑިނޭޓަރު އަބްދުﷲ އަޝްރަފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން، ނިންމާފައިވާ ފުރަތަމަ މަރުކަޒު ގާއިމުކޮށްފައިވަނީ މާލޭސިޓީގެ ކުރީގެ ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. މި މަރުކަޒު އަންނަ މަހުގެ ތެރޭގައި ހުޅުވޭނެކަމަށް އުއްމީދުކުރައްވާކަން ހާމަކުރަމުން އަޝްރަފް ވިދާޅުވީ މި މަރުކަޒުތަކުން އިސްރަށްވެހިންގެ ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުވިގެންދާނެ ކަމަށެވެ. އަދި އަދި އެކަކު އަނެކަކާއި ބައްދަލުވެ ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް އިސްރަށްވެހިންނަށް ގާއިމުވެގެން ދާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން އަޝްރަފް ވިދާޅުވީ އިސްރަށްވެހިންނަކީ މުޖްތަމައު ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބައެއްކަމަށެވެ. އެހެންކަމުން މިފަދަ މަރުކަޒުތައް ތަރައްގީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ މީހުންގެ އަގު ވަޒަންކޮށް އެމީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކޮށްދިނުންކަމުގައި އަޝްރަފް ވިދާޅުވިއެވެ.

މާލެއަށްފަހު ރައްޖޭގެ އެކި ސަރަޙައްދުތަކުގައި އިސް ރަށްވެހިންގެ މަރުކަޒުތައް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިފަދަ މަރުކަޒުތަކުގެ ބޭނުންތަކުގެ ތެރޭގައި މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރުމާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އެ މަރުކަޒުތަކުން ރާވާ ހިންގުން ހިމެނެއެވެ.