ދިވެހިރާއްޖޭގައި ސިޔާސީ މަސައްކަތްކުރާ އަންހެނުންނާ މެދު ޒަމާނުއްސުރެ ދެކެމުން އަންނަ ގޮތް ބަދަލުކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ދާއިރާއިން އަންހެނުން ބިނާކުރުމަށްވެސް ގިނަ މަސައްކަތްތަކުން ދަނީ ކުރަމުންނެވެ. ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް ހިންގުމާ، ކަންކަމުގައި ގޮތް ނިންމޭ ހިސާބުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މަޖިލީހާއި ކައުންސިލްތަކުން އަންހެނުންނަށް ވަކި ޕަސަންޓެއް ވަނީ ހާއްސަކޮށްފައެވެ. އެހެންނަމަވެސް މިހުރިހާ މަސައްކަތްތަކާއެކު ވެސް އަދިވެސް އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ގިނައެވެ.
މިހުރިހާ ގޮންޖެހުންތަކާއެކު އައްޑޫ ސިޓީ ފޭދޫ އަށް އުފަން އާމިނަތު އީނާ ސިޔާސީ މަސައްކަތައް ނުކުތީ ފިސާރި ކެރިގެންނެވެ. ސްކޫލު ދުވަސްވަރުވެސް އިޖްތިމާއީ މަސައްކަތައް ހާއްސަ ޝައުގެއް އުފެދިފައިފާ އީނާގެ ޝައުގުވެރިކަން ސިޔާސީ ދާއިރާއަށްވެސް ވަނީ ހުއްޓިފައެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ އުއްމީދެއް ގުޅިފައި އޮތީ އައްޑޫ ސިޓީ ފޭދޫގެ ތަރައްގީ އާއި ކުރިއެރުމަށެވެ. ދިރިއުޅުމުގެ ހާލަތު ދިމާކުރި ގޮތުން ވަކި ހިސާބަކުން މާލެ އަށް ދިރިއުޅުން ބަދަލުކޮށްލަން ޖެހުނު ނަމަވެސް އީނާ ރަށާއި މެދު ދެކެމުން އައި އުއްމީދުތައް ވަރަށް ފޮންޏެވެ. އެ އުއްމީދުތައް ހާސިލުކުރުމުގެ މަސައްކަތައް އެންމެ ފުރަތަމަ އީނާ ނެގި ފިޔަވަޅަކީ އިޖްތިމާއީ މަސައްކަތައް ނުކުތުމެވެ.
މާލޭގައި ގްރޭޑް 10 ނިންމާލުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުތުމާއެކު އިޖްތިމާއީ މަސައްކަތްކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. މާލޭގައި ބާއްވާ ޓްރެއިނިންތަކާ، ވޯކްޝޮޕްތަކާ ސެމިނާތަކުގައި ބައިވެރިވުމަށް ވަގުތު ހުސްކުރިއެވެ. އެ ތަމްރީނުތަކުން ދަސްވި ފިލާވަޅާ، ލިބުނު ތަޖްރިބާ އާއި އެކު 2009 ވަނަ އަހަރު އީނާ ސިޔާސީ ދާއިރާއަށް ނުކުތީ އެ ދާއިރާއަށް އުފެދިފައިވާ ޝައުގެއްގެ ބޮޑުކަމުންނެވެ. އަބަދުވެސް ސިޔާސީ ވެރިންގެ ވާހަކަތައް އަޑުއަހާ، އެ ކަންކަން ތަޖުރިބާކުރަން ބޭނުންވީ އީނާގެ އާއިލާއަކީވެސް ސިޔާސީ ކަންކަމުގައި، ރަށު ފެންވަރުގައި އިސްކޮށް މަސައްކަތްކުރާ އާއިލާއަކަށްވުމެވެ.
މާލޭގައި ދިރިއުޅުނުއިރުވެސް އިޖްތިމާއީ މަސައްކަތާއި ސިޔާސީ މަސައްކަތްތަކަށް އީނާ ވަގުތު ހުސްކުރިއެވެ. 2013 ވަނަ އަހަރު ރަށަށް ބަދަލުވެ އީނާ ފެށީ އިޖްތިމާއީ މަސައްކަތެވެ. ރަށުގައި އިޖްތިމާއީ ކޮންމެ މަސައްކަތެއް ކުރިއަށް ދާއިރު އެންމެ ކުރީގައި ހުރެވޭތޯ އީނާ ބަލައެވެ. އެ ކުރާ މަސައްކަތެއް ފަރުވާތެރިކަމާއެކު ގަޑިއަށް ނިންމާލުމަށް އިސްކަން ދިނެވެ. ދިމާވި ގޮންޖެހުންތަކާ ކުރިމަތިވި ފާޑުކިޔުންތަކާއެކު އިތުރު ހިތްވަރަކާއެކު ކުރިއަށް ދިޔައެވެ.
އީނާގެ ދިރިއުޅުމުގެ ގިނަ ވަގުތު އިޖްތިމާއީ މަސައްކަތްތަކަށް ހުސްކޮށް ދެކުނުގެ މަޝްހޫރު ޖަމިއްޔާއެއްކަމުގައިވާ ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގުޅުނީ ފޮނި އުއްމީދުތަކާއެކުގައެވެ. އަބަދުވެސް ރަށަށް ކަމެއްކޮށް ދިނުމުގެ ފޮނި އުއްމީދާއެކު ސްކީމްގެ އައްޑޫ ސިޓީގެ ނައިބު ރައީސްގެ މަގާމުގައި ހޭދަވި ކޮންމެ ދުވަހަކީ މުޖްތަމައުއަށް ގިނަ މަސައްކަތްތަކެއް ކޮށްދެވުނު ދުވަހެއް ކަމުގައި އީނާ ގަބޫލުކުރެއެވެެ. މުޖްތަމައުއަށް ހިދުމަތްކުރުމަކީ އަބަދުވެސް ކުރާ ހިތްވާ މަސަކަތަކަށް ވާއިރު އެ މަސައްކަތުގައި އުޅޭއިރު އަލަށް ދިމާވާ މީހުންގެ ހިޔާލާ މަޝްވަރާ ހޯދާ ކަންކަން ކުރިއަށް ގެންދާނެ އިތުރު ގޮތްތައްވެސް ދަސްވެގެން ދިޔަކަމަށް އީނާ ބުންޏެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަކަށް ވާއިރު މި މަސައްކަތުގައި މުޖްތަމައުގެ ބައިވެރިވުން ކުޑަކަން އީނާ ފާހަގަކުރިއެވެ. ހާއްސަކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހަކު އިޖްތިމާއީ މަސައްކަތްކުރުމުން ދިމާވާ ގޮންޖެހުންތައް ގިނަ ކަން އީނާ ފާހަގަކުރިއެވެ. "އަންހެނަކަށްވުމުން ވެސް ދިމާވާ ގޮންޖެހުންތައް ގިނަ. ވަރަށް ގިނަ ފުރައްސާރަތަކާ ކުރިމަތިވޭ. އެކަމަކު ފަސްޖެހުމެއް ނެތް." އީނާ ބުންޏެވެ. އީނާ ގަބޫލުކުރާ ގޮތުން އިޖްތިމާއީ މަސައްކަތުގައި އޭނާ އަށް ދިމާވާ ގޮންޖުހުންތައް ގުޅިފައިވަނީ އޭނާ ކުރަމުން ދާ ސިޔާސީ މަސައްކަތާއެވެ.
މިހާރު ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އީނާ ބުނީ ވަކި ޕާޓީއަކަށް ތާއިދުކުރި ނަމަވެސް އެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ގެންގުޅޭ މީހެއް ނޫންކަން އޭނާ ދަންނަ ކޮންމެ މީހަކު ގަބޫލުކުރާނެއެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވި ނަމަވެސް ސިޔާސީ ދާއިރާގައި ކުރިއަށް ދިއުމުގެ އަޒުމު ވަރަށް ވަރުގަދައެވެ. އީނާ ގަބޫލުކުރާ ގޮތުން ސިޔާސީ ދާއިރާގައި އުޅެވޭނީ ވަރަށް ކެތްތެރިވެގެންނެވެެ. މީހުންގެ ފުރައްސާރައާއި ނަފްރަތު ލިބުނު ނަމަވެސް ކެރިގެންނެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް އީނާ ކައިރިއަށް ކަމެއްގައި އަންނަކޮންމެ މީހަކަށް އެކަން ކޮށްދެވޭތޯ ބަލައެވެ. އެޢި އީނާގެ މިޒާޖެވެ. އެއީ އޭނާ އެންމެ އުފަލާއެކު ކޮށްދޭ މަސައްކަތެވެ.
އިޖްތިމާއީ މަސައްކަތްތަކާ ސިޔާސީ މަސައްކަތުގެ އިތުރުން އީނާ އަކީ ގޭގައި ހުރެގެން، އާމްދަނީ ހޯދުމަށް ހީވަގިކަމާއެކު މަސައްކަތްކުރާ ކަނބަލެކެވެ. އީނާއަކީ އެންމެ ކުޑައިރުއްސުރެ މާމަ، ފާތިމާމަނިކެ އާއި ވަރަށް ގާތްކޮށް އަބަދުވެސް އެކި އެކި މަސައްކަތުގައި ބަނދިގެ ތެރޭގައި އުޅެމުން އައި ކަނބަލަކަށްވާއިރު ފުރާވަރަށް އަރައިގެން އައި އިރު އޭނާގެ މާމަ ކައިރިން އަސާރަ އެޅުމާއި އެކި ކަހަލަ ދިވެހި އައްޑޫރަހަތައް ކަމުގައިވާ ހަވާދާއި، ބޮނޑި، ނާރުއްފަލޫދާ ފަދަ ތަކެތި ހަދަން ދަސްކުރިއެވެ. 'އައްޑޫ ރަހަ' ނަމުގައި އައްޑޫގެ މީރު ކާނާތައް ވިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ އީނާގެ އުއްމީދަކީ އޭނާ މާމަގެ ކިބައިން ދަސްކުރި އައްޑޫރަހަތަކުގެ ރެސިޕީ ފޮތެއް އެކުލަވާލުމެވެ.
އާއިލާ އާއި 2 ކުދިންގެ ކަންތައްތައް ބަލަހައްޓަކުމުން މިހުރިހާ މަސައްކަތަކަށް ވަގުތު ހުސްކުރެވެނީ އޭނާގެ އާއިލާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭތީކަން އީނާ ފާހަގަކުރިއެވެ.