ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މިއަށްވުރެ ދަތި ދުވަސްވަރުވެސް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަށް ރައްދު ދެއްވައިފިއެވެ.

އަމީރު މިފަދައިން ރައްދު ދެއްވާފައިވަނީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ޝިޔާމްގެ އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށާއި ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ހަލާސްކުރެވިއްޖެ ކަމަށެވެ.

ނަމަވެސް މިދުވަސްވަތަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމުން ކޮންމެ ދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން އިނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރު އަދި މިފްކޯއިންވެސް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަން ފާހަގަ ކުރައްވާ ޝިޔާމް އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ތަކެއް ހުރި ކަމަށެވެ. ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލާ ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވޭނެ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވާފައެވެ.

ފިޝަރީޒް މިނިސްޓަރުގެ މި ޕޯސްޓަށް ރައްދުދެއްވާ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވަނީ މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލްތައް ހާމަ ކުރައްވާފައެވެ. އަދި ފިޝަރީޒް މިނިސްޓަރު ހައްދަވަނީ އިތުރުފުޅެއްކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެ ސަރުކާރުގައި ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން މިފްކޯއަށް މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސާދީފައިވާނެ ކަމަށެވެ.

"ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އަޅުގަނޑުމެންވާނީ ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފަ. އަދި އަޅުގަނޑުމެންވާނީ މިފްކޯއަށް މަސްވެރިންނަށް ފައިސާދޭން 100މ ރުފިޔާ އާ ސަރުކާރަށް ހަމަޖައްސާފައި. އަޅުގަނޑުމެން އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުންދިޔައީ." އަމީރުގެ ޕޯސްޓުގައި ވެއެވެ.

މަސްވެރިންނަށް ފައިސާދިނުމަށްވުރެ، އެހެން އިސްރާފްތައް މުހިއްމުވުމުން ފައިސާނުދެވޭނެކަމަށާއި. އެމްޑީޕީގެ ސަރުކާރުގައި މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާ ދޫކުރަމުން ދިޔަ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާދޫކުރަމުން ގެންދިޔައިން. މި ވާހަކަ ތިބޭފުޅުންގެ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން އެދަނީ ދައްކަމުން.
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

އަމީރުގެ ޕޯސްޓްގައި ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ފައިސާނުދެވި ހުރި ތަފްސީލް ވަނީ ހިއްސާ ކުރައްވާފައެވެ. އެ ތަފްސީލުގައި، 1460 ދޯންޏަކަށް 184،254،116 މިލިއަން ރުފިޔާ ނުދައްކާ ވެއެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށާއި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވިއެވެ.