ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިންގެ ސްކީމްގެ 4000 ފްލެޓް ދޫކުރުމުގެ ކަންތައްތައް ކުރިއަސް ގެންދިއުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދީފިއެވެ.
އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ އެންގުން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެެވެ.
އެގޮތުން އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމަށް ވަނީ އަންގާފައެެވެ. މުރާޖައާ ކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާ ކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
މި ސްކީމްގެ ދަށުން ފްލެޓް ދޫކުރުމަށް ނިންމައި މިދިޔަ ސަރުކާރު ނިމުމާ ގާތަށް ގޮސްފައި ވަނިކޮށް ވަނީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެއް އާންމު ކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް ފާޅުކޮށް އޭސީސީއަށް މައްސަލަ ހުށަހެޅުމުން ފްލެޓް ދިނުމާ ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ ކުރީ ސަރުކާރުން ހިންގި އެއްވެސް ޕްރޮޖެކްތެއް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށާއި ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުފުޅު ވެވަޑައިގެންފައެވެ.
ނަމަވެސް އެތައް މައްސަލަތަކެއް ހުރިކަން ފާހަގަ ކޮށް އޭސީސީން ހުއްޓުވަން އެދުނު ގެދޮރުވެރިންގެ ސްކީމްގެ ޕްރޮޖެކްޓާ މެދު މި ސަރުކާރުން އަދި ގޮތެއް ނުނިންމާ މަޑުކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭސީސީން ނިންމުމަށް އިހްތިރާމް ކުރުމަށް ކަމަށް ބުނެފައި ވެއެވެ.