ބިންވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ސަރުކާރުން މާލެ ސަރަހައްދުން ދިން ގޯތިތަކުގެ ރަޖިސްޓްރީ މިއަދު ދޫކުރަން ފަށައިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:00ގައި ފަށާނެ ކަމަށެވެ. އަދި އެ މިނިސްޓްރީއިން ބިން ލިބޭ ފަރާތްތަކަށް ގުޅާނެ ނަންބަރަކީ 4004797 އަދި 4004994 ކަމަށެވެ.

ގޯތި ލިބުނު ލިސްޓުގައި ތިބި މީހުންނަށް ގޯތި ލިބޭނެ ކަމާއި ރަޖިސްޓްރީ ދިނުމުގެ އިތުރުން ކުރަން ޖެހޭ މަސައްކަތްތައް އެކުއެކީގައި ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ލިބުނު މީހުންގެ ޝުއޫރު ފާޅުކުރުމަށް ސަލްޓަން ޕާކުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު "މާލޭ ބިންވެރިންގެ ސައްލާ" ގެ ނަމުގައި ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ގޯތި ލިބުނު ފަރާތްތަކުގެ ޝުއޫރުތައް ފާޅުކޮށްފައިވާ އިރު، ސަރުކާރުގެ ފަރާތުން ވަނީ ގޯއްޗާ ގުޅުން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން ނިމިދިޔަ ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ހަފްތާ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.