ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު މިއަދު ހެނދުނު 08:30 އިން ފެށިގެން މި މަހުގެ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގައި ރަޖިސްޓާ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓާ ވާން އެދޭ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރު ގައުމުތަކާއި ޖަލުތަކުގައި ރަޖިސްޓާ ވެފައިވާ ފަރާތްތައް އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައިވާ ކަމަށާއި އެފަދަ ފަރާތްތައްވެސް ދާއިމީ އެޑްރެސް ފިޔަވާ އެހެންތަނެއްގައި ވޯޓު ލާން ބޭނުންނަމަ އަލުން ރީ-ރަޖިސްޓާ ކުރުމަށް އެދިފައި ވެއެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓްގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާ އިން ބަލާލެވޭނެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓާ ވުމަށް އީފާސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 6 ވަނަ ދުވަހެވެ.
އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.