ބާ ކައުންސިލުގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ދިވެހި ގާނޫނީ ހިދުމަތުގެ ދާއިރާ އަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ބައެއް މަސްދަރުތަކާ ހަވާލާދީ އޭނާ ދަންނަ ބައެއް މީހުން ބުނީ، ވިޝާމް ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވާ ކަމަށެވެ.

'އެކްސް' ގައި ވިޝާމްގެ އާއިލާއަށާއި ބާ ކައުންސިލުގެ މެންބަރުންނަށް ކުރެއްވި ތައުޒިޔާގެ ޕޯސްޓުގައި ރައީސް ވިދާޅުވީ، މިރޭ އެ ގެއްލުނީ ގައުމަށް ހިދުމަތްތެރި، ޒުވާން ތައުލީމީ ދަރިއެއް ކަމަށެވެ.

ވިޝާމް އަވަހާރަވުން ރައީސް ސިފަކުރެއްވީ، ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާ އަށް ލިބުނު ފޫނުބެދޭ ވަރުގެ އުނިކަމެއްގެ ގޮތުގައެވެ.

މީގެ ކުރިން ބަންޑާރަނައިބުގެ ނައިބު ކަން ވެސް ކުރެއްވި އުމުރުން 39 އަހަރުގެ ވިޝާމަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރެއްވި ގާނޫނީ ވަކީލެކެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި ވަކާލާތުކުރައްވައި އޭނާ ވިޔަފާރިތައް ވެސް ތަމްސީލުކުރެއްވިއެވެ.

ބާ ކައުންސިލުގެ ރައީސް ކަމަށް ވިޝާމް އިންތިހާބުވެވަޑައިގަތީ ޖޫން 2022 ގައެވެ.