ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް މިރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ އޭނާ ދަންނަ ބައެއް މީހުން ބުނީ، ވިޝާމް ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވާ ކަމަށެވެ.

އުމުރުން 39 އަހަރުގެ ވިޝާމް ވަނީ މީގެ ކުރިން ބަންޑާރަނައިބުގެ ނައިބުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މީގެ ކުރިން ބޮޑެތި މައްސަލަތަކުގައި ވިޝާމް ވަކާލާތުކުރައްވާފައިވެއެވެ. އެގޮތުން އޭނާ ވަނީ މަދަނީ މައްސަލަތަކުގައި ވަކާލާތުކުރައްވައި ވިޔަފާރިތައް ވެސް ތަމްސީލުކުރައްވައިފައެވެ.

ބާ ކައުންސިލަށް ވިޝާމް އިންތިހާބުވެވަޑައިގަތީ ޖޫން 2022 ގައެވެ.