ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރު ކުރުމުގެ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބީއެމްއެލް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވީހާ ވެސް އަވަސް ފިޔަވަޅެއް އެޅުމަށް އެ ސިޔާސަތާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށެވެ. މި ސިޔާސަތު މި ވަގުތު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެ ގޮތުން ރާއްޖޭގެ މި ވަގުތު ޑޮލަރު ޑިމާންޑަށް ހުރި ހުރަސްތައް މިދަނީ ދެނެގަންނަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ކާޑު ލިމިޓް އިތުރު ކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީން ކުރުމައްޓަކައި، ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރަސްމީ ރިޒާވް އިތުރު ކުރުމަށާއި ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރު ކުރުމައްޓަކައި އެ މިނިސްޓްރީއާއި، އެމްއެމްއޭ އަދި ބޭންކަތަކާއެކު ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.