ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއަށް މިއަދު ދިން ހަމަލާ ރަނގަޅަށް ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ޝަހީމްއަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އެކަމުގެ ސަބަބުން އޭނާގެ ވައަތުގައި ރެނދެއް ލާފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ފުލުހުން އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން ގެންދާ މި ދަނޑިވަޅުގައި ލޯޔަރު މުއިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ ކަންކަން ހުންނަ ގޮތުން، ޕީޖީ ޝަމީމަށް މިއަދު ދިން ހަމަލާ ރަނގަޅަށް ތަހުގީގުކޮށް، ދައުވާއެއް ސާބިތުވާ މިންވަރަށް ހެކި ހޯދިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި އެ މައްސަލަ ދައުވާކުރަން ފޮނުވި ނަމަވެސް، ކްރިމިނަލް ކޯޓަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި އަޑުއެހުންތައް ބާއްވައި، މައްސަލަ ނިންމިދާނެކަމަކަށް ނުބެލެވޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ، ޖާގައިގެ ދަތިކަން ކުރިމަތިވެ، ވިއްސާރައިގައި އެކި ވަރުގެ ގެއްލުންތައް ލިބުމުގެ ސަބަބުން މާލޭގައި ޖިނާއީ ޝަރީއަތްތައް ވަނީ ހުއްޓިފައެވެ. އަދި އެ ކަމަށް ވީހާ ވެސް އަވަސް ހައްލެއް ހޯދައިދޭން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ އަރިހުންވެސް އެދިފައި ވެއެވެ.