މި އަހަރަށް ކަނޑައެޅި ބަޖެޓުން ނުފުދިދާނެތީ އިއްޔެ ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ އާ ބަޖެޓު ނޫންނަމަ ސަޕްލިމަންޓްރީ ބަޖެޓުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ 200 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 6,509.3 މިލިއަން ރުފިޔާގެ ނުވަތަ 6.5 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް އިތުރު ކޮށްދިނުމަށް އެދިއެވެ. މި އަހަރަށް 42,840.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު މި ސަޕްލިމަންޓަރީ ބަޖެޓާއެކު މި އަހަރުގެ ޖުމުލަ ބަޖެޓު 49,350.1 މިލިއަން ރުފިޔާއަށް އިތުރު ވެގެންދާނެއެވެ.
އާ ސަރުކާރުން ބަޖެޓަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީއަކުން ކަމަށްވާއިރު އެ ކޮމިޓީން ވަނީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ 200 މިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނަން ހުށަހަޅާފައެވެ. ނަމަވެސް އެ 200 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް މިހާތަަނަށް ހާމަކޮށްފައި ނުވެއެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަން އަށެވެ.
މި ސަޕްލިމަންޓަރީ ބަޖެޓުން ސަބްސިޑީ އަށް 1,859.3 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު އާސަންދައަށް ކަނޑައަޅާފައި ވަނީ 1,261.1 މިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ އަށް 1,785.9 މިލިއަން ރުފިޔާ ކެޕިޓަލް ހަރަދު 3،388.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ހަރަދުތައްވެސް ހިނގައިފައިވާތީ އާއި ބަޖެޓު ފާސްކުރިއިރު ހަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒު ވެފައި ނުވާތީ އެ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންސް މިހާރު ދަށްވެފައިވާ ކަމަށެވެ.