28 ވަނަ ކޮޕް ސަމިޓުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުބާއީއަށް ވަޑައިގެންފިއެވެ.
މި ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު، ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ވެގެންދާއިރު ރައީސް މުއިއްޒު ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.
ރާއްޖެއަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ ބޮޑެތި މައްސަލަތަކާ ބެހޭގޮތުން މި ސަމިޓުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަދި ހާއްސަކޮށް ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަކާލާތުކޮށް އެކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މިދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ހާއްސަ ބައްދަލުވުމެކެވެ.
ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެން ދާނެއެވެ. އަދި އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވާނެއެވެ.
ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ރައީސް މުއިއްޒު ވަޑައިގަތީ، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުގާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ. މި ދަތުރުފުޅުގައި ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދެއްވެސް ވަޑައިގެންނެވިއެވެ.