ސައުދީ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓު އެޅުމުގެ ފައިނޭންސް އެގެރިމެންޓްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއަކީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓްގެ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއިބެހޭ ގޮތުން މިއަދު ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
ފިނޭންސް މިނިސްޓްރީ އާއި ސައުދީ ފަންޑު ފޯރ ޑިވޮލޮޕްމެންޓް އާއި ދެމެދު މި މަޝްރޫއުގެ ފައިނޭންސް އެގްރިމެންޓްގައި ސޮއިކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު މި މަޝްރޫއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ހައްސާސް މައްސަލައަކީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހައްލުކޮށް އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދު ވެސް މެއެވެ. މި ގޮތުން ފުށިދިއްގަރު ފަޅުގެ މަޝްރޫގެ އިތުރުން ގުޅީފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން ވަނީ ޕްލޭނުކޮށްފައެެވެ.