މެލޭޝިއާގެ އާ ރަސްގެފާނުގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށްދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްތާން އިބްރާހީމަށް ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން، ރަސްގެފާނު ސުލްތާން އިބްރާހީމްގެ ޒައާމަތުގައި އިތުރަށް ބަދަހިވެ އާރޯވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެ ގައުމުން އެކުގައި މަސައްކަތްކޮށް ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މެލޭޝިއާގެ ޖޮހޯ ސްޓޭޓްގައި 16 ވަނަ ގަރުނުން ފެށިގެން ރަސްކަން ކުރަމުންދަނީ ސުލްތާން އިބްރާހީމްގެ އާއިލާއިންނެވެ.