ވެމްކޯގެ ކޮރަޕްޝަން މިލިޔަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި ރިޕޯޓުން ހާމަވެއްޖެއެވެ.

ވެމްކޯގެ ޕްރޮކިއުމަންޓާއި ގުޅޭގޮތުން އޮޑިޓް އޮފީހުން މިއަދު ނެރުނު އެ ރިޕޯޓުގައި 2015 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް އެ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންގެ އެތައް މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ވެހިކަލް ގަތުމަށާއި ކުއްޔަށް ނެގި ވެހިކަލްތަކަށް ފައިސާ ދެއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ހިމެނެއެވެ. އަދި ސްޕޮންސަރުންނަށް ފައިސާ ދިނުމުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 43.9 މިލިޔަން ރުފިޔާގެ އެއްގަމު އުޅަނދު ވަނީ ގަނެފައެވެ. އޭގެ ތެރޭގައި ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމުގެ ބޭނުމުގައި ވަކި ބްރޭންޑެއްގެ ޓްރަކްތަކެއް ގަންނަން ނިންމުމާއި ކުނި އުފުލުމަށް 2016 ވަނަ އަހަރު ވެމްކޯ އަށް ގަނެފައިފާ 10 ޑަމްޕް ޓްރަކް ގަތުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ އަމަލުކޮށްފައެވެ.

އަދި ކުނި އުފުލުމަށް 10 ޑަމްޕް ޓްރަކް ސަޕްލައި ކުރުމަށް 6.8 މިލިއަން ރުފިޔާގެ އަގަކަށް އެއްބަސްވި ނަމަވެސް، މަސައްކަތް ހަވާލު ކުރި ފަރާތަށް ފައިސާ ދެއްކި އިރު އެއްބަސްވި އަދަދަށްވުރެ އިތުރަށް 407،642ރ. ދައްކާފައިވާ ކަމަށާއި އެއީ ޖީއެސްޓީގެ ގޮތުގައި ވެމްކޯއިން ދެއްކި ފައިސާ ކަމަށް ބުނެފައިވީ ނަމަވެސް ސަޕްލައި ކުރި ކުންފުނިން އެ ފައިސާ މީރާ އަށް ދައްކާފައިނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ވަކި ބްރޭންޑެއްގެ ޓްރަކް ހޯދުމުގެ ބޭނުމުގައި ވެމްކޯއިން ހަވާލުކުރި ކުންފުނިން ފޯރުކޮށްދިން ވެހިކަލް ތަކަކީ މޮޑިފައިކޮށް އުޅަނދު އުފެއްދި ގައުމާއި ބްރޭންޑު ވެސް ވަނީ އޮޅުވާލާފައިވާ ކަމަށް ވެއެވެ.

މީގެ އިތުރުންވެސް 2016 ގައި 35.32 މިލިއަން ރުފިޔާއަށް ވެމްކޯއަށް ގަތް ތިން ކޮޅުވެއްޓި ގަތުމުގެ އެއްބަސްވުމުގައި އެ ކޮޅުވެއްޓިތަކުގައި ޔަަންމާ ބްރޭންޑުގެ އިންޖީނު އަޅަންޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް، އެއްބަސްވުމުގެ އަގަށް ބަދަލު ނުގެނެސް، އެ ކޮޅުވެއްޓިތަކުގައި އަޅާފައި ވަނީ ކަމިންސް ބްރޭންޑުގެ އިންޖީނު ތަކެއް ކަމަށްވެއެވެ. އިންޖީނުގެ ބްރޭންޑު ބަދަލު ކުރަން ސަޕްލަޔަރު ދޭން ހުށަހެޅި 10،000 ޑޮލަރުގެ ޑިސްކައުންޓު އެއްބަސްވުމަށް ގެނައި އިސްލާހުގައި ހިމަނާފައި ނުވާ ކަމަށާއި ކޮޅުވެއްޓިތަކަށް ފައިސާ ދައްކާފައިވަނީ އެ ޑިސްކައުންޓު އުނި ނުކޮށް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮޅުވެއްޓި ވިއްކުމަށް އެއްބަސްވެފައިވާ އަގަށް އެއްވެސް ބަދަލެއް ނުގެނެސް ކޮޅުވެއްޓިތަކުގައި އެޅުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޔަންމާ ބްރޭންޑުގެ އިންޖީނުތައް ކަމިންސް ބްރޭންޑްގެ އިންޖީނުތަކަށް ބަދަލު ކުރުމުގެ އިތުރުން އެއް މަސްދުވަހުގެ މުއްދަތަށް ދެ ކޮޅުވެއްޓި ކުއްޔަށް ހިފުމަށްފަހު އެ މުއްދަތު އިތުރުކުރަމުން ގޮސް 20 މަސްދުވަސް ވަންދެން އެ އުޅަނދުތައް ބޭނުންކޮށްފައިވާކަމަށް ވެއެވެ.

މީގެ އިތުރުންވެސް އުސޫލެއް ނެތި ސްޕޮންސާގެ ގޮތުގައި ހަތަރު ފަހަރެއްގެ މަތިން ތިން ޖަމިއްޔާއަކަށް 850،000ރ. ސްޕޮންސާގެ ގޮތުގައި ދީފައިވާކަމަށް ވެއެވެ. އަދި 2016 ވަނަ އަހަރު ކުރުވާފައިވާ ފަސް މަސައްކަތަކަށް 1.92 މިލިއަން ރުފިޔާ ހަރަދުކުރިކަމަށާއި އެއީ ޕާޗޭސް އޯޑަރު ފޯމް މެދުވެރިކޮށް ހަވާލުކުރި މަސައްކަތްތަކެއް ނަމަވެސް މަސައްކަތް ނިންމަންޖެހޭ މުއްދަތައް ނުނިމިއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކާއި މަސައްކަތުގެ ފެންވަރު ފަދަ މުހިއްމު މާއްދާތައް ފޯމުގައި ހިމަނާފައިވާ ނުވާކަމަށް ވެއެވެ.

މިކަންކަން އިސްލާހު ކުރުމަށް އޮޑިޓް އޮފީހުން ލަފާ ދީފައި ވަނީ ކުންފުންޏަށް ހޯދާ އުޅަނދުތަކާ ހަވާލުވާއިރު އުޅަނދުތަކުގެ ސްޕެސިފިކޭޝަން އާއި ކޮންޑިޝަން ބަލާ ޗެކްކޮށް ކުންފުންޏަށް ލިބިފައި ވަނީ އެއްބަސްވެފައިވާ ސްޕެސިފިކޭޝަން އާއި ކޮންޑިޝަންގެ އުޅަނދެއްކަން ނުވަތަ ނޫންކަން ކަމާ ގުޅުން ހުރި ފަރާތަކުން ޗެކްކޮށް ތަފްސީލު ލިޔުމެއް ތައްޔާރު ކުރުމަށެވެ.