ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ގެ ނަމުގައި މުޅިން އާ ސަހަރެއް ބިނާކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، 15000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކުން ހުށަހަޅައިފިއެވެ.

ރަސްމާލޭގައި ގާއިމުކުރާ 15000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަންފާޅުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް މަޝްރޫއު ކުރިއަށްގެންދިޔަ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އިންނެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ސީއެސްސީއީސީ އިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާކަމަށެވެ. އަދި އެ ޕްރޮޕޯސަލް އާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އިތުރަށް ނާޒިމް ވިދާޅުވީ މި މަޝްރޫއުގެ އަގާއި ކޮޮލިޓީ އާއި ގުޅުންހުރި ކަންތައްތަކުގައި ނެގޯޝިއޭޓް ކުރަން ފެންނަ ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.