މަޖިލީހުގެ ތަޅުމުގައި އިއްޔެ ހިނގައިދިޔަ ކަންކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންނަށް ރުހުންދިނުމާ މެދު މެންބަރުން ގެންގުޅުއްވި ވިސްނުން މުޅިންހެން ބަދަލުވެއްޖެ ކަމަށާއި، އިތުރު ވަޒީރުންނަށް ރުހުން ނުދިނުމުގެ ފުރުސަތު އެބައޮތް ކަމަށް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އިއްޔެ ހެނދުނަށް ތާވަލުކުރި ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާގައި އެންމެ މުހިންމު މަސައްކަތަކަށް އޮތީ ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ގޮތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް، ވަޒީރުންނަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމެވެ. ރިޕޯޓުގެ ބަހުސް މަރުހަލާގައި ސަރުކާރު ކޯލިޝަނުން ވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދޭން އިދިކޮޅަށް ގޮވާލައިފައެވެ.

އެކަމަކު އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ނިންމީ ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެ ނިންމުމާ ގުޅިގެން، ކޮމިޓީ ރިޕޯޓަށް އިއްޔެ ވޯޓަށް އަހަން އޮތް ގަޑި ކަމަށްވާ މެންދުރު 1:30 ގައި ވޯޓަށް އެހޭ ގޮތެއް ނުވިއެވެ. އިދިކޮޅުގެ ނިންމުމާ ގުޅިގެން ސަރުކާރުގެ މެންބަރުންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ފަހުން ޖަލްސާ ކުރިއަށް ނުގެންދެވި، 3 ޖަހާކަން ހާއިރު ޖަލްސާ މެދުކަނޑާލީއެވެ.

އޭގެ ފަހުން އިއްޔެގެ ޖަލްސާ އެ ރޭ 8 ޖަހާއިރު ފަށަން ތާވަލުކުރި ނަމަވެސް، ސަރުކާރުގެ މެންބަރުން ރިޔާސަތުގެ މޭޒުގައި ހުރި މައިކު ނަގައި ފޮރުވުމުގެ ސަބަބުން ޖަލްސާ ނުފެށި ދިޔައެވެ. އޭގެ ދެ ގަޑިއިރެއް ވަރު ފަހުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަސައްކަތްކުރެއްވީ ވަޒީރުން އިށީންނަވާ ގޮނޑިކޮޅުގައި އިންނަވައި ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މެންބަރުންގެ ހަޅޭކާ ހެދި އެންމެ ފަހުން ޖަލްސާ ނިންމަވާލެއްވިކަން އިއުލާނުކުރެއްވީއެވެ.

ރޭ ވަރަށް ލަސްވެފައިވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، އެ ޕާޓީގެ މެންބަރުން ތިބީ މަޖިލިސް ޗުއްޓީ އަށް ދިޔަ ކަމުގައި ވިޔަސް ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ވެސް އާ ދައުރު ފެށުމުގެ ކުރިން ވަޒީރުންނަށް ރުހުުން ދިނުން ފަދަ މުހިންމު މަސައްކަތްތައް ނިންމުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމަށް ތާވަލުކުރި ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި އަސްލަމް މަސައްކަތްކުރެއްވި ކަމަށާއި، ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވި ކަމަށެވެ. އެހެން ވިޔަސް މިއަދު ވެސް ޖަލްސާ ބާއްވައިގެން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ހިނގި ކަންކަމުގެ ސަބަބުން، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ސިފަކުރެއްވީ އިއްޔެއަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި 'ކަޅު ދުވަހެއް'ގެ ގޮތުގައެވެ.

ސަލީމް ވިދާޅުވީ، މަޖިލީހުގައި މެންބަރުން އެ މެންބަރުންގެ ޒިންމާ އަދާކުރާނެ މަގު އޮންނަން ވާނީ ފަހިވެފައި ކަމަށާއި، މެންބަރުންގެ ޒިންމާ އަދާކުރުމަށްޓަކައި އެއްވެސް ބައެއްގެ ނުފޫޒެއް އޮވެގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މެންބަރުން މަސައްކަތްކުރަން ވާނީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކުގައި ކަން ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމަކު ފެނުނީ ބާރު އޮތް ފަރާތުން މެންބަރުންގެ މަސައްކަތްތަކަށް ބާރު ފޯރުވައި ޒިންމާ އަދާކުރުމަށް މެންބަރުންނަށް ހުރަސްއެޅި މަންޒަރު ކަމަށް ސަލީމް ވިދާޅުވިއެވެ.

"ވަރަށް ދެރަކޮށް ކަންކަން ހިނގައި މި ދިޔައީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފަ އޮންނަ ވާޖިބެއް، އަދި އެ ރުހުން ދިނުމުގަ އަމަލުކުރަންވީ ގޮތް ނުވަތަ އަމަލުނުކުރަންވީ ގޮތް، އެހެރީ ކަނޑައެޅި ނިމިފަ، އެކަން ކުރުމުގަ ދެން މެންބަރުންނަށް އޮންނާނީ މި އިހްތިޔާރު، ކިހިނެއްތޯ ކަން ނިންމާނީ،" އޭނާ ވިދާޅުވިއެވެ.

"ދެން އެކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން އެ މެންބަރު ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ނިންމަން އުޅުމަކީ ގާނޫނާ ހިލާފުކަމެއް،"

ދެވަނަ ކަމަކަށް ސަލީމް ތަފްސީލުކޮށްދެއްވީ މަޖިލީހުން މައްސަލަތައް ބަލައި ދިރާސާކުރުމަށް ފަހު ވަކި ޕާޓީތަކުގެ މެންބަރުން އަމަލުކުރަމުންދާ ގޮތެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުން މައްސަލަތައް ދިރާސާކޮށް ނިންމައި އެ ރިޕޯޓުގެ މަސައްކަތް މަޖިލީހަށް އެޖެންޑާކުރުމުން، ރިޕޯޓެއް ފާސްކުރުމަށް ނުވަތަ ނުކުރުމަށް ވެސް ނިންމެނީ މެންބަރުންގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް ފަހުގައެވެ.

މި މޭރުމުން ވާހަކަ ގެންދަވައި ސަލީމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ގިނަ މެންބަރުންގެ ރޫހު، ނުވަތަ ވިސްނުން އޭރު ހުރީ ވީހާ ވެސް ގިނަ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

"އެހެން ނަމަވެސް މި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެންގެ މެންބަރުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ، މިހާރު ކުރިން ރޫހު ވަރަށް ބޮޑަށް ތަފާތުކަމަށް އަޅުގަނޑަށް އިހުސާސްކުރެވެނީ،"

ސަލީމްގެ މި ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވީ، މަޖިލީހުގައި އިއްޔެ ހިނގި ކަންކަމަށް ފަހު، އެއްވެސް ވަޒީރަކަށް ވޯޓު ދޭން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި ކަމަށެވެ. އެހެންކަމުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓު ދިގުވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ރޭ ޖަލްސާ ކުރިއަށް ނުގެންދެވުމުން މަޖިލީހުން ވަނީ މިއަދު ހެނދުނު 11 ޖަހާއިރު ބާއްވާ ގޮތަށް ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އެޖެންޑާކޮށްފައެވެ. އެއަށް ފަހު އެ ޖަލްސާ މިއަދު މެންދުރު 1 ޖަހާއިރަށް މި ވަނީ ފަސްކޮށްފައެވެ.