ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނުދޭން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ނިންމައި ތްރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ މި ހަތަރު ވަޒީރުންނަށް ރުހުން ނުދޭން ފެންނަ ކަމަށް އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ނިންމިކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމަށް ވޯޓަށް އަހާނެއެވެ. ޖަލްސާގެ ހުސްވަގުތުކޮޅަށް ދިއުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް މިއަދު 1:30 ގައި ވޯޓަށް އެހުން އޮންނާނެ ކަމަށެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދެއްކެވި އިދިކޮޅު ބައެއް މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަން ކުރިއާލާ ހާމަކުރައްވައިފައެވެ. އަދި ޑިމޮކްރެޓުން ވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ ކަމަށް ބުނެ، ޖަލްސާ ފެށުމުގެ ކުރިން ބަޔާނެއް ވެސް ނެރެފައެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، ޑިމޮކްރެޓުން ނިންމާފައި ވަނީ ހައިދަރަށާއި ޝަހީމަށާއި އުޝާމްުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ. އެކަމަކު ޑިމޮކްރެޓުންގެ ބައެއް މެންބަރުން އޭރު ވިދާޅުވީ، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި ކަމަށް ވިޔަސް، އެއީ ކޮން ވަޒީރުންތަކެއް ކަން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ނިންމާފައި ނުވާ ކަމަށެވެ.