ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑަލުމަށް ފަހު މިރޭ ފެށީ ޖަލްސާ ވެސް މެދުކަނޑާލައިފިއެވެ.

މިރޭ 8:00 ގައި ބާއްވަން ތާވަލުކުރި ޖަލްސާ ފެށި އިރު ވެސް ބައެއް މެންބަރުން ތިއްބެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތުގައި އިންނެވި ގޮނޑިކޮޅު ވަށައިގެން އެތުރިގެންނެވެ. ޕީޕީއެމް އަދި ޕީއެންސީގެ ބައެއް މެންބަރުން އެ ތަނުގައި ތިއްބެވި އިރު އަޑުގަދަ ކުރުމަށް ދުންމާރި ފުމެމުން ދިޔަ މަންޒަރު މަޖިލިސްގެ ލައިވް ކުރި ވީޑިއޯއިން ފެންނަމުން ދިޔައެވެ.

އަދި އެ މެންބަރުން ވަނީ ރިޔާސަތުގައި ބަހައްޓާފައި ހުރި މައިކް އުފުރާއިފައެވެ. އެހެންކަމުން މިރޭގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ މެދުކަނޑާލާފައެވެ. އެއާއެކު އަސްލަމް ވަނީ ރިޔާސަތު ދޫކުރައްވާ މަޖިލިސްގެ ޗެމްބަރު ދޫކުރައްވައި ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަސްލަމްއަށް ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެންބަރުން ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގާފައި ވަނީ ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން އެކަމާ ނުރުހުން ފާޅު ކުރުމުންނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެމްޑީޕީގެ މެންބަރު އީސާ އާއި ޕީއެންސީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދު ވަނީ މާރާމާރީއެއް ހިނގާފައެވެ.

މި މާރާމާޜީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާ އިރު، އީސަގެ ފައިގައި ޝަހީމް އޮޅުލައިގެން ހުންނަވައި ދެ ބޭފުޅުން އެއްކޮށް ވެއްޓި، ޝަހީމުގެ ކަރަށް އީސަ ފައިން އަރާ ބޮލުގެ އިސްތަށިގަނޑަށް ދަމާ މަންޒަރު ފެނެއެވެ. އަދި ޝަހީމްގެ ކަންފަތް ދަށުން ލޭ ފައިބާ ތަން ފެނެއެވެ. އަދި ގަމީހުގެ ގިރުވާނުގައި ވެސް ކޮންމެވެސް ވަރަކަށް ލޭ ހޭކިފައި ހުރިތަން ފެނެއެވެ.