މެންބަރުންގެ ހަޅޭކުގެ އަޑުގަދަވެ، ވަޒީރުންނަށް ރުހުން ދޭން ބޭއްވި ޖަލްސާ އެންމެ ފަހުން ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.

މިރޭގެ ޖަލްސާ ނިންމާލުމަށް ފަހު މިހާރު ހަމަޖައްސާފައި ވަނީ ވަޒީރުންނަށް ވޯޓަށް އެހުމަށްޓަކައި ޖަލްސާއެއް މާދަމާ ބޭއްވުމަށެވެ.

މާދަމާ 11 ޖަހާއިރަށް ތާވަލު ކޮށްފައިވާ މި ޖަލްސާގައި ނިޒާމު ގެއްލި ހަމަނުޖެހުމެއް ނުހިނގައިފިނަމަ ވަޒީރުންނަށް ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ވޯޓަށް އަހާނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑަލުމަށް ފަހު މިރޭ ފެށީ 8:00 ގައެވެ

އެ ޖަލްސާ ފެށި އިރު ވެސް ބައެއް މެންބަރުން ތިއްބެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތުގައި އިންނެވި ގޮނޑިކޮޅު ވަށައިގެން އެތުރިގެންނެވެ. ޕީޕީއެމް އަދި ޕީއެންސީގެ ބައެއް މެންބަރުން އެ ތަނުގައި ތިއްބެވި އިރު އަޑުގަދަ ކުރުމަށް ދުންމާރި ފުމެމުން ގެންދެވި މަންޒަރު މަޖިލިސްގެ ލައިވް ކުރި ވީޑިއޯއިން ފެންނަމުން ދިޔައެވެ.

އެއާއެކު ޖަލްސާ ކުރިއަށް ނުގެންދެވިގެން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވީއެވެ.