ރައްޔިތުން މަޖިލީހުގައި މިއަދު ހިންގި ހަމަނުޖެހުމުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމަށް އަނިޔާވެގެން އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ޝަހީމް އަށް އަނިޔާވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވަޒީރުންނަށް އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ރުހުން ނުދޭން ނިންމައި ވޯޓަށް އަހަން އޮތް މިއަދުގެ ޖަލްސާ ހުއްޓުމަކަށް ގެނައުމުންނެވެ. އެގޮތުން މަޖިލިސް ތަޅުމުގައި މެމްބަރުން މާރާމާރީ ހިންގާފއި މި ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަށާލައި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް-ޕީއެންސީ މެމްބަރުންގެ މެދުގައި ހިންގި ދެބަސްވުމުގެ ތެރޭގައެވެ.

މަޖިލިސް ހުއްޓާލާފައި ވީ ނަމަވެސް މަޖިލިސްތެރޭ ހިންގަމުންދާ ހަމަނުޖެހުން ތަކުގެ ވީޑިއޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ގޮތުން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމްޑީޕީގެ މެންބަރު އީސާ އާއި ޕީއެންސީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދު ވަނީ މާރާމާރީއެއް ހިނގާފައެވެ.

އީސަގެ ފައިގައި ޝަހީމް އޮޅުލައިގެން ހުންނަވައި ދެ ބޭފުޅުން އެއްކޮށް ވެއްޓޭ މަންޒަރު އެއް ވީޑިއޯއިން ފެންނައިރު، ޝަހީމުގެ ކަރަށް އީސަ ފައިން އަރާ ބޮލުގެ އިސްތަށިގަނޑަށް ދަމާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެއެވެ. އަދި އިތުރު ވީޑިއޯއެއްގައި ޝަހީމްގެ ކަންފަތް ދަށުން ލޭ ފައިބާ ތަން ފެނެއެވެ. އަދި ގަމީހުގެ ގިރުވާނުގައި ވެސް ކޮންމެވެސް ވަރަކަށް ލޭ ހޭކިފައި ހުރިތަން ފެނެއެވެ.

އެހެން ވީޑިއޯއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރައީސްގެ ގޮނޑީގައި އިންނަވަނިކޮށް ޝަހީމު ވަޑައިގެން އޭނާ ކޮއްޕާލަން އުޅޭ މަންޒަރު ފެނެއެވެ. އަދި އެހެން މެންބަރުންތަކެއް ވެގެން ޝަހީމް އެ ސަރަހައްދުން ބޭރު ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ޝަހީމަށް އަނިޔާވެގެން އެމްބިއުލާންސެއްގައި ގެނެސް އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މެންބަރު ޝަހީމަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް އަދި މި ވަގުތު އޭނާގެ ހާލު ސާފުވާ ގޮތެއް ނުވެއެވެ.