ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ 1،200 މީޓަރު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާރްއޭސީއެލްއިން ބުނީ އަލަށް ތަރައްގީ ކުރަމުންދާ 2،460 މީޓަރުގެ ރަންވޭގެ ނިމުނުބައި ރަސްމީކޮށް ބޭނުންކުރަން ފެށީ މިއަދަު ހެނދުނު ކަމަށެވެ.
ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވީ، އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޝެޑިއުލާ އެގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ޝެޑިއުލާ އެގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ މާޗް މަސް ނިމުމުގެ ކުރިން ރަންވޭ އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
އާރަންވޭގެ 1،200 މީޓަރު ހުޅުވާފައިވަނީ ރަންވޭގައި ލައިޓް ހަރުކޮށް ރޭގަނޑުގެ އުދުހުންތައް ވެސް ކުރެވޭ ގޮތަށެވެ.
ހަނިމާދޫ އެއާޕޯޓްގެ 2،460 މީޓަރުގެ އާ ރަންވޭއާއެކު އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ގާއިމްކުރެވިގެން ދާނެ ކަމަށް އާރްއޭސީއެލްއިން ވަނީ ބުނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން މި ރަންވޭގެ މަސައްކަތް ނިމުމާއެކު ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ދެވޭނެކަން އާރްސީއެލްއިން ފާހަގަ ކުރެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަޝްރޫއެކެވެ. އަދި އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ.