ހަމާސް އިން ރަހީނު ކުރި އިޒްރޭލުގެ މީހުންގެ ތެރެއން ބާކި ތިބި 100 އެއްހާ މީހުން ދޫކޮށްލާ މަތިން 2 މަސް ދުވަހަށް ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ކުރިއަށް ދާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

ނިއުޔޯކް ޓައިމްސް އާއި ބައިނަލްއަގުވާމީ ބައެއް މީޑިއާ ތަކުން ބުނީ، އެ މަޝްވަރާތައް ވަރަށް އަވަހަށް ކޮލެއްގައި ޖެހޭނެ ކަމުގެ އިޝާރާތެއް ވައިތްހައުސްގެ 2 އޮފިޝަލަކު ދެއްވާފައި ވާ ކަމަށާއި، އެ އެއްބަސްވުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

އިޒްރޭލުން ބުނާގޮތުން އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް އެރި ދުވަހު 253 މީހަކު ރަހީނުކޮށްގެން ގެންދިޔައެވެ. އެގެ ތެރޭގައި އެވަގުތު އިޒްރޭލުގައި ތިބި އެކިއެކި ގައުމުތަކުގެ ރައްޔިތުންނާއި މަސައްކަތު މީހުންނާއި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލާފައި ވާ އިރު އަދިވެސް ދޫކޮށް ނުލައި 132 ދެމީހަކު ތިބި ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައި ވާ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

2 މަހަށް ހަމަލާތައް ހުއްޓާލި ނަމަވެސް ހަނގުރާމަ ހުއްޓުމެއް ނެތް ކަމަށް އިޒްރޭލާ ހަވާލާދީ އޮފިޝަލުން ބުނެފައި ވެއެވެ. ހަނގުރާމައިގެ އަމާޒަކީ ހަމާސް އެއްކޮށް ނައްތާލުން ކަމަށާއި އެކަން ހާސިލު ނުވަނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އިޒްރޭލުން ބުނެއެވެ.

ވައިޓްހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް މިހެން ބުނެފައި ވާ އިރު ގަތަރާއި އިޒްރޭލުގެ އިސް އޮފިޝަލުން ހިމެނޭ ގޮތުން، ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާތައް މިދިޔަ ހަފްތާގައި ފްރާންސްގައި ބާއްވާފައި ވެއެވެ. އެ މަޝްވަރާތަކުގެ ނަތީޖާއަކީ ކޮބައިކަން އަދި ސާފުވެފައި ނުވި ނަމަވެސް ވައިޓްހައުސް އިން އިޝާރާތް ކުރާ 2 މަހުގެ ވާހަކަ އަކީ އެއީ ކަމަށް މަޝްރަހު ދިރާސާ ކުރާ ބައެއް މީހުން ބުނެއެވެ.

ހަމަލާތައް ހުއްޓާލުމުގެ ވާހަކަ ފެންމަތި ކޮށްފައި ވާ މިވަގުތު އިޒްރޭލު ރުއްސަން އެމެރިކާ އާއި، ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ އާ ފިޔަވަޅެއް އިއުލާން ކޮށްފައެވެ. އެ ފިޔަވަޅަކީ، ގާޒާގައި އިންސާނީ އެހީ ފޯރުކޮށްގޭ އދ ގެ ޖަމްއިއްޔާއަށް، ހަމަލާތައް ހުއްޓާލާފަހުން މާލީ އެހީދިނުންވެސް ހުއްޓާލުމެވެ. އިޒްރޭލުން ބުނާ ގޮތުން ޔޫއެންއާރުޑަބްލިޔުއޭ ގެ ބައެއް އޮފިޝަލުން ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި އެހީތެރިވެ ބައިވެރިވެފައެވެ. އެހެން ކަމުން އިޒްރޭލުން ބޭނުންވަނީ، އެ ޖަމާއަތަށް އެކިއެކި ފަރާތްތަކުން ދޭ އެހީތައް ކަނޑާލުމަށެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާރުވެސް އެ ޖަމާއަތަށް ނިސްބަތްވާ 140 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ މަރާލާފައެވެ.

އިޒްރޭލުގެ ގޮވާލުމާއެކު ފައިސާ ދިނުން ހުއްޓާލާނެކަން އެމެރިކާއިން އިއުލާން ކޮށްފައި ވާ އިރު އެމެރިކާގެ އެދުމަށް، އޮސްޓްރޭލިއާ، ކެނެޑާ، ފިންލޭންޑް، ޖަރުމަން، އިޓަލީ، ނެދަލޭންޑްސް، ސްވިޓްޒަލޭންޑާއި އިނގިރޭސިވިލާން، އެ ލިސްޓުގައި ވަނީ ބައިވެރިވެފައެވެ.

އެމެރިކާއާ ބައިވެރި ނުވާ ހުޅަނގުގެ ދެގައުމަކީ އަޔަލޭންޑާއި ނޯވޭ އެވެ.

އދ ގެ އިދާރާ ޔޫއެންއާރުޑަބްލިޔުއޭ އިން ބުނީ ގާޒާ ބަނޑަށް ޖެހިއްޖެ ކަމަށާއި 2.3 މިލިއަން މީހުން ދިރިއުޅެމުން ގެންދަނީ ކާނެ އެއްޗެއް ބޯނެ ފެނެއް ނެތި ވާރޭ ވެހި ފެންހެދި ޗަކަވެފައި ވާ ހާމަ މަގުތަކުގައި ކަމަށެވެ. އެމީހުންގެ މިއަދުގެ ހާލަކީ ދުނިޔޭގެ އެއްވެސް ހަނގުރާމައެއްގައި ދިމާވެފައި ނުވާހާ ނިކަމެތި ހާލަތެއް މެދުވެރިވެފައި ވާ ހާލެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން މިހާރު ގާޒާގެ ރައްޔިތުން މިހާރު ތިބި ގާޒާގެ ދެކުނު ބިތުގެ 93 ޕަސެންޓް މީހުން ތިބީ ބަނޑަށް ޖެހިފައި ކަމަށް ވެސް ބުނެފައި ވެއެވެ.