ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް 5 މެންބަރަކު ވަކި ކުރުމަށް ފަހު އޭގެ ތެރެއިން 2 މެންބަރަކު އަނބުރާ ބޯޑަށް އައްޔަންކުރަން ސަރުކާރުން ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ 5 ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް ވަކިކުރީ މިިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ބީއެމްއެލްގެ ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައި ވަނީ ޗެއާމަން ޔޫޝައު ސައީދު، އަދި ބޯޑު މެންބަރުން ކަމަށްވާ ޖުވޭރިޔާ ސައީދު، އަބްދުﷲ ހަސަން، އައިޝަތު ސަޖުނީ އަދި އަބްދުﷲ ހުޝާމު ޝަރީފެވެ.
ބީއެމްއެލްގެ ބޯޑުން އެ 5 މެންބަރުން ވަކިކުރުމުން ބޯޑުގައި ބާކީ ތިބީ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީންގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލު ކުރަން ބޯޑުގައި ތިބި މެންބަރުން ހިމެނޭހެން 5 މެންބަރުންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން އަލުން ބޯޑަށް އައްޔަން ކުރަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ. އެ ދެބޭފުޅުންނާ އެކީ މިހާރު ބޯޑުގައި ތިބީ 7 މެންބަރުންނެވެ. ބޭންކުގެ ގަވާއިދުގައި ވާ 8 މެންބަރުން ހަމަކުރަން ސަރުކާރުން ވަނީ ބޭންކުގެ ޗެއާމަނަކަށް ހުރި ޔޫޝައު ސައީދުއަށް ވެސް އަލުން އެ މަގާމު ހުށަހަޅާފައެވެ. އެހެންނަމަވެސް އަދި އެ މަގާމު އޭނާ ގަބޫލުކޮށްފައި ނުވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ބޭންކުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުއްލި ހާލަތެއްގައި މެނުވީ އަޅާ ފިޔަވަޅެއް އެޅޭނީ ބޯޑުގައި 8 ޑިރެކްޓަރުން ތިބެގެންނެވެ. ބޯޑަށް އަލުން މެންބަރުން އައްޔަން ކުރަން އާންމު ހިއްސާދާރުންނާ އެކު ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.